Last Updated: July 1, 20:48
Friday, July 1, 2022
ޚަބަރު

ސްޓެލްކޯގެ ޗެއާމަނަކަށް ދީދީ އައްޔަންކޮށްފި

ސްޓެލްކޯގެ ޗެއާމަނަކަށް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ މިއަދު އައްޔަންކޮށްފި އެވެ.

ދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނަ އަކީ ސިފައިންގެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދީދީ އަކީ 1988 ގެ ނޮވެމްބަރު 3 ގައި ދިވެހިންތަކަކާ ގުޅިގެން ތަމަޅައިން މާލެ އަރާ ދިން ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ.

ނޮވެމްބަރު 3 ގައި ތަމަޅައިން ދިން ހަމަލާގައި ސިފައިންގެއިން ވަޒަން ހުސްވަމުން ދަނިކޮށް އޭރު ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި އޮތް ކިނބިގަސްދޮށުގެއިން ތަޅުދަނޑި ސިފައިންގެއަށް ގެންގޮސްދެއްވީ ވެސް ދީދީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ދާދި ފަހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަންކޮށްފަ އެވެ.