Last Updated: April 19, 18:52
Friday, April 19, 2024
ދުނިޔެ

މޯމޯސް ރަނގަޅަށް ހަފައިގެން ކާތި

ގިނަ ބައެއްގެ މެދުގައި މިހާރު ވަރަށް މަގުބޫލު ކެއުމެއް ކަމަށްވާ މޯމޯސް ކާ އިރު ރަނގަޅަށް ހަފައިގެން ކެއުމަށް އިރުޝާދުދީ އިންޑިއާގެ މަޝްހޫރު އެއިމްސް ހޮސްޕިޓަލުން ހެލްތު އެޑްވައިޒަރީއެެއް ނެރެފި އެވެ.

އެ ހޮސްޕިޓަލުން މިފަދަ އެޑްވައިޒަރީއެއް ނެރުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މޯމޯސް ކެއި 50 އަހަރުގެ މީހެއްގެ ކުއްލި މަރާ ގުޅިގެންނެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާ މަރުވީ މަގުމަތީގައި ކާ އެއްޗެހި ވިއްކާ ސްޓޯލަކުން މޮމޯސް ކެއުމާ ގުޅިގެންނެވެ. އަދި އޭނާ ކުއްލިއަކަށް ވެއްޓުނީ މޯމޯސް ކަނިކޮށެވެ.

މޯމޯސް ކައިގެން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެ އެވެ.

އެ ހާދިސާއާ ގުޅިގެން އެ މީހާ ދިއްލީގެ އެއިމްސް ހޮސްޕިޓަލަށް ގެންގޮސް ޗެކްކުރި އިރު، ކަރުތެރޭގައި މޯމޯސްގެ އެތިކޮޅުތައް ތާށިވެފައިވާ ކަމަށް ދެއްކި އެވެ. އަދި ޑޮކްޓަރުން ވިދާޅުވީ އެ މީހާ މަރުވާން ދިމާވީ ރަނގަޅަށް ނުހަފައި މޯމޯސްތަކެއް ދިރުވައިލުމުން ކަރުތެރޭގައި ތާށިވެ ނޭވާހޮޅި ވެސް ބެނދިގެން ކަމަށެވެ.

މި ހާދިސާއަށް ރިއާޔަތްކޮށް އެއިމްސް އިން ނެރުނު އެޑްވައިޒަރީގައި ބުނީ މޯމޯސް ކާ އިރު ރަނގަޅަށް ހަފައިގެން ކެއުމަށް ވަރަށް އިރުޝާދުދޭ ކަމަށާއި ނޫން ނަމަ މިފަދަ ކަމެއް ދިމާވުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އެތަނުން ބުނީ މޮމޯސް އަކީ އެއްފަހަރާ އެއްކޮށް އަނގަޔަށް ލެވޭ ވަރަށް އާންމުކޮށް ހުންނަ ކެއުމަކަށް ވިޔަސް މޯމޯސް އެއްކޮށް އަނގަޔަށް ލައިގެން ކެއުމަކީ އެއްގޮތަށް ވެސް ރައްކާތެރި ގޮތެއް ނޫން ކަމަށެވެ.

މޯމޯސް އަކީ ފުށްގަނޑެއްގެ ތެރެއަށް ތަފާތު އެކި ވައްތަރުގެ ޑަމްޕްލިން އަޅައިގެން، ސްޓީމްކޮށް ނުވަތަ ފެނުކައްކައިގެން ތައްޔާރުކުރާ ކެއުމެކެވެ.