Last Updated: April 23, 12:01
Tuesday, April 23, 2024
ޚަބަރު

ލަންކާގެ އެމްޕީއެއްގެ ވާހަކަ ނަޝީދު ދޮގުކޮށްފި

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިގެން ސްރީ ލަންކާ އަށް ބައިނަލްއަގްވާމީ އެހީ ހޯދަން ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރެއިން އެ މަނިކުފާނުގެ ފަރާތްޕުޅުން ސައޫދި އަރަބިއްޔާގެ އެހީ އަށް އެދިވަޑައިގަތުމުން އެ ގައުމުން އެކަން ގަބޫލުނުކުރި ކަމަށް ވިދާޅުވެ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ދެއްކެވި ވާހަކަތައް ނަޝީދު ދޮގުކުރައްވައިފަ އެވެ.

ލަންކާގެ ސަމާގީ ޖަނާ ބަލަވެގާޔާ (އެސްޖޭބީ) ޕާޓީ އަށް ނިސްބަތްވާ ޑރ. ހާޝާ ޑި ސިލްސިވާއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން އިއްޔެ ބުނެފައި ވަނީ ލަންކާ އަށް އެހީވާން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ނަޝީދު ހުށަހެޅުއްވުމުން އެކަން ބޮލާލާޖައްސަވާފައިވާ ކަމަށެވެ. އަދި އެކަން ގަބޫލުނުކުރެއްވީ ނަޝީދުގެ ފަރާތުން ސާފު ހުށަހެޅުންތަކެއް ލިބިވަޑައިނުގަތުމުން ކަމަށް ވިދާޅުވެފައިވެ އެވެ.

ޑރ. ހާޝާގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

"[އަދި] އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ގިނަ ގައުމުތަކަކުން ލަންކާ އަށް އެހީވާން ތައްޔާރަށް އޮތް ކަމަށް." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ އެ ޓްވީޓާ ގުޅިގެން ހާޝާ ރައްދުގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ އެހީއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ މަތީގައި ދެމިހުންނެވި ކަމަށެވެ. އަދި ލަންކާ އަށް ގިނަ ގައުމުތަކަކުން އެހީވާން އޮތް ކަމަށް ނަޝީދު ވެސް ފާހަގަކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ލަންކާ މިހާރު އޮތް ބޮޑުދަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމާ ގުޅޭ ގޮތުން ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިދިޔަ މަހުގެ ތެރޭގައި މަޝްވަރާކޮށް، އެހީ ހޯދުމުގެ މަސައްކަތް ލަންކާ އިން ނަޝީދާ ރަސްމީކޮށް ހަވާކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
އެގޮތަށް ނިންމެވީ އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން ނަޝީދު އަމިއްލަފުޅަށް ހުށަހެޅުއްވުމުންނެވެ.