Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

އާ ފްލައިން ސްކޫލްގެ ޕްރެކްޓިކަލް ބައި ފަށަން ތައްޔާރުވެއްޖެ

އައްޑޫގައި ގަމުގައި ކުރިން ހިންގި ފްލައިން ސްކޫލް ބަންދުކުރި އިރު، ޕައިލެޓް ކޯސް ފުރިހަމަނުކުރެވި ތިބި 35 ދަރިވަރުން ފުރިހަމަކުރަން ޖެހޭ އުދުހުމުގެ ޕްރޮގްރާމް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް އޭވިއޭޝަން އެކަޑެމީން ބުނެފި އެވެ.

އެތަނުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާ ބެހޭ ގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިން ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދަރިވަރުންގެ ތެރެއިން 35 ދަރިވަރެއްގެ ރިފްރެޝަނާ ޕްރޮގްރާމް ނިންމައި މިހާރު ތިބީ، ފްލައި ފުރިހަމަކުރަން ތައްޔާރަށް ކަމަށެވެ.

ކުރިން މިކަން ކުރިއަށް ގެންދާ ގޮތަށް އޮތީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ނަމަވެސް ބައެއް ކަންތައްތައް ލަސްވެގެން ދަރިވަރުންގެ ފްލައިކުރުމުގެ މަސައްކަތް ނުފެށި އޮތީ އެވެ. އަލުން އެކަން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، ދަރިވަރުންގެ އެދުމުގެ މަތިން ވަނީ ކުރިން ކޯހުގައި ފުރިހަމަކޮށްފައިވާ ފްލައިން ގަޑިތަކާ އެކު، ކޯހުގެ ބާކީ ކުރިއަށް ގެންދަން ނިންމައިފަ އެވެ.

"ފްލައިން ޕްރޮގްރާމް ކަނޑައެޅުމަށް ކޮންމެ ދަރިވަރަކާ އެކު ކުރިއަށް ގެންދާ ވަކިވަކި އިންޓަވިއު މަސައްކަތް މިއަދުން ފެށިގެން ކުރިއަށް އެބަދޭ." ބަޔާނުގައި ބުންޏެވެ.

އޭވިއޭޝަން އެކަޑެމީން ބުނީ އެތަނުގެ ފުރަޔަމަ ބެޗްގައި ހިމެނޭ 35 ދަރިވަރުންގެ އިތުރުން ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ތިން ވަނަ ބެޗެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

އާ ފްލައިން ސްކޫލްގެ މަސައްކަތްތަކަށް ހަ ބޯޓް ގަނެ، ގަމަށް ގެންގޮސް އޭގެ ތެރެއިން ބައެއް ބޯޓްތަކުގެ ޓެސްޓް ފްލައިޓްތައް އެޅުމުގެ ތައްޔާރީތައް ވެސް މިހާރު އަންނަނީވަމުންނެވެ. އެގޮތުން މިކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އޭވިއޭޝަން އެކަޑެމީން ބުންޏެވެ. އެގޮތުން ގަމުގައި ހެގަރެއް ގާއިމުކޮށް، އިންޖިނިއަރުންނާއި މެކޭނިކުންނާއި މަސައްކަތްތަކަށް ބޭނުންވާ ހުރިހާ ޓޫލްތަކެއް ވެސް ހަމަވެފައިވާ ކަމަށް ބުންޏެވެ.

އަދި ފްލައިން ސްކޫލަށް ބޭނުންވާ ހަ އިންސްޓްރަކްޓަރުންގެ ތެރެއިން ހަތަރު މީހަކު ވެސް މިހާރު ތިބީ ގަމުގައި ކަމަށް އޭވިއޭޝަން އެކަޑެމީން ބުންޏެވެ.

"އިތުރު އެއާކްރާފްޓްތަކުގެ ޓެސްޓް ފްލައިޓްތައް މި ހަފުތާގައި އެޅުމަށް ވަނީ ހަމަޖެހިފައި،" ބަޔާނުގައި ބުންޏެވެ. "އަދި މި ބޯޓްތައް ދުއްވުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަދަން ޖެހޭ އިންސްޕެކްޝަންތައް އަންނަ ހަފުތާގެ ކުރީކޮޅަށް ވަނީ ތާވަލުކޮށްފައި."

މޯލްޑިވްސް އޭވިއޭޝަން އެކަޑެމީ އަކީ ޗެކްރިޕަބްލިކްގެ ފްލައިން އެކަޑެމީއާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ތަނެކެވެ. އަދި މި އެކަޑެމީ އަކީ ރާއްޖޭގެ ގައުމީ އެއާލައިން، "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި އެކަޑެމީއެކެވެ.

ގަމުގައި އޭއޭއޭ އިން 2010 ގައި ހުޅުވި ފްލައިން ސްކޫލްގެ މަސައްކަތްތައް ހުއްޓި އެތަން ބަންދުކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ތަން ބަންދުކުރި އިރު، އެތަނާއި ދަރިވަރުންނާއި އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ދެމެދު ވެސް ބޮޑެތި މައްސަލަތަކެއް އުފެދިފައިވެ އެވެ.