Last Updated: July 1, 23:03
Wednesday, July 2, 2025
ރިޕޯޓް

އެމްޓީސީސީ: ދަތުރުފަތުރަށް އިތުބާރު ގެނެސްދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރައްޔިތުންގެ އިތުބާރު ހިފޭ ގޮތަށް ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ހިންގުމާ ހަވާލުވިއިރު ހުޅުމާލޭގެ ޓްރާންސްޕޯޓް ޚިދުމަތް އޭރު ހަވާލުކޮށްފައި އޮތީ އެމްޕީއެލްއާ ކަމަށާއި ނަމަވެސް މި ޚިދުމަތް އެންމެ ރަނގަޅަށް ދެވޭނީ އެމްޓީސީސީ އަށް ކަަމަށް ފެންނާތީ ހުޅުމާލޭގެ ޓްރާންސްޕޯޓުގެ ހުރިހާ ކަމެއް އެ ކުންފުންޏާއި ހަވާލުކުރެއްވީ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިއަދު އެމްޓީސީސީގެ ހުރިހާ މުވައްޒަފުންނަށް. ޚާއްޞަކޮށް، ސީ.އީ.އޯ. އާދަމް ޢާޒިމަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން މިގެންދާ ދަތުރުފަތުރުގެ ނިޒާމަކީ، މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރުހިފޭގޮތަށް ދެވޭ ޚިދުމަތަކަށް އެމްޓީސީސީ ބަދަލުކޮށްފައިވަނީ." ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީ އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމައި، އޭގެ ކޮލިޓީއާ އެކީގައި ރައްޔިތުން ބޭނުންވާގޮތަށް އަދި ސަރުކާރުން ބޭނުންވާ ދުވަހަށް، އެ މަސައްކަތް ނިންމަމުން ދަނީ ޙަޤީޤަތުގައިވެސް އެމްޓީސީސީ އަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏަކަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އާޒިމް ހަވާލުވެވަޑައިގެންނެވި އިރު، އެ ކުންފުނީގައި މުވައްޒަފުންގެ ގޮތުގައި ތިބީ 1،400 މީހުން ކަމަށާއި އެއިރު މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެމްޓީސީސީން 300 އަށްވުރެ ގިނަ މަޝްރޫއުތައް ހިންގަމުންދާ އިރު، އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 3،700 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން މިއަހަރު ނިމޭއިރު 4،000 މުވައްޒަފުން އެމްޓީސީސީގައި މަސައްކަތް ކުރާނެ ކަމަށާއި އެއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ވަޒީފާ ބޭނުންވެފައި ތިބި އެތައް ޒުވާނުންނަކަށް އެކި ތަފާތު ވަޒީފާތައް އަދި ޓްރޭނިންގއާ އެކުގައި ދިނުމަށްފަހުގައި، އެމްޓީސީސީ އިން ޚިދުމަތަށް ނެރެމުންދާކަމީ، އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުންގެ އިތުބާރު އެމްޓީސީސީ އަށް ލިބިގެންދާ ކަމެއް." ރައީސް ވިދާޅުވި އެވެ.