Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ޕާކިސްތާން މީހުން ސައި މަދުކުރަން އަންގައިފި

ގައުމުގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ޕާކިސްތާނުގެ ރައްޔިތުން ސައިބޯ މިންވަރު މަދުކުރަން ސަރުކާރުން ގޮވާލައިފި އެވެ.

ޕާކިސްތާނަކީ ސަައިފަތް ގިނަ އަދަދަކަށް އެތެރެކުރާ އަދި ސައި ބުއިމުގެ ޒަމާންވީ ދިގު އާދަކާއަކާއި ސަގާފަތެއް އޮތް ގައުމެކެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ގައުމަށް 640 މިލިއަން ޑޮލަރުގެ ސައިފަތް އެތެރެކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޕާކިސްތާނުގެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު އަހުސަން އިގްބާލް އިއްޔެ ވިދާޅުވީ ގައުމުގެ ރައްޔިތުން ސައިބޯ މިންވަރު މިހާރު މަދުކުރަން ވަރަށް ބޮޑަށް އެދޭ ކަމަށާއި އެގޮތަށް އެދިވަޑައިގަންވަން ޖެހުނީ ސައިފަތް އެތެރެކުރުމަށް ކުރިއަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހޭތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ގައުމަށް ސައިފަތް ސަޕްލައިކޮށްދޭ ފަރާތްތަކުން ވަނީ އަގުބޮކުރަން ނިންމައިފަ އެވެ.

"އެހެންވެ އެބަޖެހޭ ރައްޔިތުން ސައި ބޯ މިންވަރު މަދުކުރަން. ދުވާލަކަށް އެއް ތަށި ނުވަތަ ދެ ތައްޓަށް މަދުކުރުމަކީ މިހާރު ކުރަން ޖެހިފައި އޮޔް ކަމެއް." އަހުސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމަށް ސަައިފަތް އެތެރެކުރަނީ ލޯން ނަގައިގެން ކަމަށްވާތީ، ސައިފަތް އެތެރެކުރަން ޖެހޭ އަގު ބޮޑުވުމަކީ ގައުމުގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން އިތުރު ގޮންޖެހުންމަކަށް ވާނެ އެވެ.

މި ފަހުން ޕާކިސްތާނުގެ އިގުތިސާދީ ހާލަތު ދަށްވެ ކާނާ އާއި ތެލާއި ގޭސް ފަދަ އަސާސީ ބާވަތްތަކުގެ އަގުތައް ވެސް އުފުލިފައިވެ އެވެ. އެހެންވެ ސަރުކާރުން ވެރިން ގެންދަވަނީ މި ހާލަތުން އަރައިގަތުމަށް އިގުތިސާދުކުރަން ރައްޔިތުންނަށް ގޮވައިލަމުންނެވެ.