Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

އިންޓަނެޓް އެކްސްޕްލޯރާ "ވަޅުލައިފި"

ކުރިން ވެބް ބްރައުޒާއެއްގެ ގޮތުގައި އެންމެ މަޝްހޫރު އިންޓަނެޓް އެކްސްޕްލޯރާ އިއްޔެ އިން ފެށިގެން ނިމުމަކަށް ގެނެސްފި އެވެ.

އެގޮތަށް ނިންމީ މި އަހަރުގެ ޖޫން މަހުގެ 15 ގައި އެ ހުއްޓާލަން ނިންމާފައިވާކަން ވެސް މިދިޔަ އަހަރު އިއުލާންކޮށްފައި ވަނިކޮށެވެ. މި އެޅި ފިޔަވަޅާ އެކު ދެން މައިކްރޮސޮފްޓްގެ އެންމެ ފަހުގެ ވާޝަން ވިންޑޯސް 10 ގައި ވެސް އިންޓަނެޓް އެކްސްޕްލޯރާ ބޭނުމެއް ނުކުރެވޭނެ އެވެ.

އިންޓަނެޓް އެކްސްޕްލޯރާ އަށް ދާއިމަށް ދޫކޮށްލި އިރު، މައިކްރޮސޮފްޓް 10 އާ އެކު ދެން އެއްޗަކަށް ވާނީ "މައިކްރޮސޮފްޓް އެޖް" އެވެ. އެ ބްރައުޒާ އަކީ އެންމެ ފުރަތަމަ 2015 ގައި ބޭނުން ކުރަން ފެށި އެއްޗަކަށް ވިޔަސް ވިންޑޯސް 10 އާ އެކު ވަނީ އިތުރަށް ތަރައްގީކޮށް، އެ އާ ކޮށްފައި އެވެ. އެހެންވެ މައިކްރޮސޮޓުން ބުނީ "އެޖް" ބްރައުޒާ އަކީ ބޭނުންކުރަން ފަސޭހަ، ވަރަށް ހަލުވި އެއްޗަކަށް ވާނެ ކަމަށެވެ.

އިންޓަނެޓް އެކްސްޕްލޯރާ "ނިޒާމުން ގެއްލުވާލި" އިރު އެ ބްރައުޒާ އަކީ 2000-2005 ހިސާބަށް އެންމެ މަގުބޫލު ބްރައުޒާ އެވެ. މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބްރައުޒާ އަކީ ގޫގުލް ކްރޯމެވެ. އެ ވުޖޫދަށް އައީ 2008 ގަ އެވެ. ކްރޯމްގެ އިތުރުން ދެން މިހާރު އާންމުކޮށް ބޭނުންކުރާ ބްރައުޒާތަކަކީ މޮޒިއްލާ ފަޔާފޮކްސް އާއި ސަފާރީ އެވެ.

އިންޓަނެޓް އެކްސްޕްލޯރާ ވުޖޫދަށް އައީ 1995 ގަ އެވެ. އެ ހުއްޓާލާފައި މި ވަނީ 27 އަހަރު ފަހުންނެވެ.