Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޝަހީމަށް މަދީނާ ޔުނިވަސިޓީގެ ޝަރަފުވެރި އެވޯޑެއް

މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ޝަރަފުވެރި އެވޯޑެއް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފި އެވެ.

ރޭ އޮތް ރަސްމިއްޔާތެއްގައި ޝަހީމަށް ލިބިވަޑައިގެންފައި ވަނީ ވަނީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ އިސްދަރިވަރުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ޖައިޒަތުލްޙިއްރީޖީނައްރުއްވާދު" އެވެ. މި އެވޯޑް ލިބިވަޑައިގަތް ވާހަކަ ޝަހީމް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. މި އެވޯޑަކީ މަދީނާގެ އިސްލާމިކް ޔިނިވަސިޓީން ގްރެޖުއޭޓުވުމަށް ފަހު އެ ދަރިވަރަކު ކުރާ މަސައްކަތާއި ޤައުޟީ އަދި ބައިނަލްއަގަވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި އިލްމީ އަދި އިދާރީ ލީޑާޝިޕާއި އިޖުތިމާއީ ކަންކަމާއި އުފެއްދުންތެރި ވިސްނުމަށް ބަލައި ދޭ އެވޯޑެކެވެ.

އެވޯޑާ އެކީ 50,000 ރިޔާލް (204,906ރ.) ވެސް ލިބިފައިވެ އެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ޝަހީމް ވިދާޅުވީ އޭނާ އަށް ލިބިވަޑައިގަތް އެވޯޑަކީ މުޅި ރާއްޖެ އަށް ލިބިވަޑައިގަތް އެވޯޑެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޝަހީމް ސައުދީ އަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަސިޓީ އަށް ކިޔަވާވިދާޅުވާން ވަޑައިގެންނެވީ 2000 ވަނަ އަހަރު އެވެ. އޭނާ ވަނީ ޕާކިސްތާނާއި މިސްރުގެ އިތުރުން މެލޭޝިޔާ އިން ވެސް ތައުލީމު ހާސިލްކުރެއްވި އެވެ.