Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

ދެކުނު ފުލުހުންގެ އަމާޒަކީ "ޒީރޯ ޑެތު"

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި ކުށްތައް މަދުކޮށް، މާރާމާރީ ފަދަ ބޮޑެތި ހާދިސާތަކުގައި މީހުން މެރުން މަދު ކުރުމާއި އެކު މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި "ޒީރޯ ޑެތު" ގެ އަމާޒު ކަނޑަޅައި ދެކުނުގެ ފުލުހުންގެ ކޮންފަރެންސް އިއްޔެ ނިންމާލައިފި އެވެ.

މި މަހުގެ 13-15 އަށް ފުވައްމުލަކުގައި ބޭއްވި "ސައުތު ޕޮލިސް ކޮމާންޑާސް ކޮންފަރެންސް 2022" ގައި ބައިވެރިވީ އައްޑޫ އާއި ފުވައްމުލަކާއި ގދ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގެ ފުލުހުންނެވެ. ފުލުހުން ބުނި ގޮތުގައި މި ކޮންފަރެންސްގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނު އެއް ކަމަކީ ސައުތު ޕޮލިސް ރީޖަން އަކީ ރާއްޖޭގެ އެންމެ އަމާން ސަރަހައްދަށް ހެދުމަށް އެކީގައި މަސައްކަތްކުރުމަށް ފުލުހުންގެ މުއައްސަސާ އާއި ސައުތު ޕޮލިސް ރީޖަންގެ ޕޮލިސިން އަމާޒުތަކަށް މަސައްކަތްކުރުމުވެ.

އެގޮތުން މި ސަރަހައްދުތަކުގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ.

ކޮންފަރެންސާ ބެހޭ ގޮތުން ފުލުހުން ބުނީ އަވައްޓެރި ފުލުހުންގެ ދައުރު ހަރުދަނާކޮށް އިތުރުކުރުމަށް މަސައްކަތްކުރުމާއި މަގުމަތީގައި ހިނގާ އެކްސިޑެންޓުގައި "ޒީރޯ ޑެތު" އަށް އަމާޒުކޮށްގެން ދެކުނުގެ ސަރަޖައްދުތަކުން ކުރެވޭނެ ކަންތައް ދެނެގަތުމަށް ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދައި އެންފޯސްކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ގޭންގު ހަދައިގެން ހިންގާ ނުރައްކާތެރި ކުށްތައް މަދުކުރުމަށް މަސައްކަތްކުރުާނެ ގިތްތަކެއް ވެސް ކޮންފަރެންސްގައިކަނޑައެޅުނު ކަމަށް ބުންޏެވެ.

"މިފަދަ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުން ދޭ ޚިދުމަތަށް ގެނެވިދާނެ ބަދަލުތަކާއި ވިމެންސް އީކުއަލިޓީ އިން ޕޮލިސިން އަދި މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށް ގެނެވިދާނެ ބަދަލުތައް ދެނެގަތުމުގެ މަަސައްކަތްކޮށް މަޝްވަރާކޮށްފައިވޭ." ފުލުހުން ބުންޏެވެ.

ކުށްކުރުން މަދުކޮށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ރާއްޖޭގެ އަމާން ސަރަހައްދަށް ހެދުމަށް ފުލުހުން އަމާޒު ކަނޑައެޅި އިރު، މި މަހުގެ ކުރީކޮޅު އައްޑޫ ފޭދޫގައި ދެ ގްރޫޕެއްގެ މެދުގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި 21 އަހަރުގެ މީހަކު މަރާލާފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މިއީ މަސްތުވާތަކެއްޗާ ގުޅުން އޮތް ހާދިސާއެއް ކަމަށެވެ.

ފުލުހުން ދާދި ފަހުން ބުނެފައިވާ ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގައި މިހާރު ގޭންގްތަކުގެ މައްސަލަތައް ބޮޑީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގަ އެވެ. އެގޮތުން އައްޑޫގައި އެކަނި ވެސް 12 ގޭންގެއް ހަރަކާތްތެރިވާ ކަމަށްވާ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ.