Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

އައްޑޫ ޕޯޓްގެ ތަރައްގީ މި އަހަރު ފަށަނީ

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ދަށުން ހިންގަމުންދާ ހިތަދޫ ޕޯޓް (އެޗްޕީއެލް)، އައްޑޫ އިންޓަނޭޝަނަލް ޕޯޓުގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީއާ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "އައްޑޫލައިވް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަސައްކަތް ފެށުމުގެ ގޮތުން އީއައިއޭ ހަދައި ނިންމައި އީޕީއޭ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީޕީއޭ އިން ފާޅުކޮށްފައި ހުރި ކަންބޮޑުވުންތަކަށް އަންނަ ހަފްތާތެރޭ ޖަވާބު އަރުވާނެ ކަމަށާއި އީއައިއޭ އަށް އެޕްރޭވް ލިބެންވާއިރަށް މަސައްކަތް ފަށަން ބޭނުންވާ ސާމާނު ސައިޓަށް ގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިއަހަރުގެ ތިންވަނަ ކުއާޓަރު ނުވަތަ ހަތަރުވަނަ ކުއާޓަރުތެރޭ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް." ޝާހިދު ވިދާޅުވި އެވެ.

ސަރަހައްދީ ބަނދަރު ނިމިގެން އަންނައިރު ރާއްޖެ އަށް މިހާރު އަންނަ އެންމެ ބޮޑެތި ބޯޓުފަހަރުތައް ވެސް އެ ބަނދަރަށް ގެނެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 525 ދުވަހުގެ ތެރޭގަ އެވެ.

ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2، 2021 ގަ އެވެ.