Last Updated: April 20, 16:27
Saturday, April 20, 2024
ދުނިޔެ

ލަންކާގައި ހުރީ ފަސް ދުވަހުގެ ތެޔޮ

ސްރީ ލަންކާގެ ތެލުގެ ސްޓޮކް މިހާރު ހުރީ ފަސް ދުވަހަށްވާ ވަރަށް ކަމަށް އެ ގައުގެ ހަކަތައާ ބެހޭ މިނިސްޓަރު ގަމިނި ލޮކޫގޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ މިނިސްޓަރު ވިދާޅުވީ ތެޔޮ ހޯދާނެ ފައިސާ ހަމަނުޖެހި ދިގުލައިގެން ގޮސްފި ނަމަ ގައުމު ހިންގުމުގެ ވަރަށް ގިނަ ކަންކަމަށް ބުރުއަރާނެ ކަމަށެވެ. އެހެންވެ މިހާރު އެންމެ ފަސް ދުވަހަށްވާ ވަރަށް ތެލުގެ ސްޓޮކް ދަށްވުމަކީ މި ވަގުތު ވަރަށް ބޮޑު ކަންބޮޑުމެއް ކަމަށް ވިދާޅުވި އެވެ.

ލަންކާ އިން ވަނީ ތެޔޮ އެތެރެކުރަން އިންޑިއާގެ އެހީއަށް އެދިފަ އެވެ. އެގޮތުން ކްރެޑިޓް ލައިންގެ ދަށުން 500 މިލިއަން ޑޮލަރު ހޯދަން އެދިފައިވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން އިންޑިއާ އިން އަދި ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ. މިދިޔަ ހަފުތާގައި އެ ގައުމުން ލޯނުގެ ގޮތުގައި ލަންކާ އަށް ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދަން 55 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ.

މީގެ ހަފުތާއެއް ކުރިން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި ރަޝިއާ އިން ތެޔޮ ލިބޭތޯ ވެސް އަންނަނީ މަސައްކަތްތަކެއްކުރެވެމުންނެވެ. އެކަމަކު އިރާން ފަދަ ގައުމަކުން މި ދަނޑުވަޅުގައި ލަންކާ އަށް ޔެތޮ ސަޕްލައިކޮށްދޭން ތައްޔާރަށް އޮތް ނަމަ، ރަޝިއާ އިން ތެޔޮ ހޯދުމާ ގުޅޭ ގޮތުން ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި 70 އަހަރުގެ މާޒީގައި ކުރިމަތި ނުވާ ވަރުގެ މާލީ އަދި އިގުތިސާދީ ތަދުމަޑުކަމެއްގެ ތެރެއަށް 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާ މިހާރު އޮތީ ވެއްޓިފަ އެވެ. އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ގައުމަށް ބޭނުންވާ ތަކެތި އެތެރެކުރާނެ ބޭރު ފައިސާ ނެތުމެވެ.

އެހެންވެ ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތަކުގައި އެހޯީ އަށް އެދިފައިވެ އެވެ.