ވޯލްޑް ކަޕްގެ ތާރީހުގައި މުޅިން އަލަށް މުބާރާތެއް ތިން ގައުމެއްގެ 16 ސިޓީއެއްގައި ބާއްވަން ނިންމައިފި އެވެ.
ފީފާ އިން ބުނީ 2026 ގެ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާގެ އިތުރުން ކެނެޑާ އާއި މެކްސިކޯގައި ކަމަށެވެ. އެގޮތުން އެ ގައުމުގެ 16 ސިޓީއެެއްގައި މެޗްތައް ކުޅެން ނިންމާފައިވެ އެވެ. މީގެ ތެރެއިން 11 ސިޓީ އަކީ އެމެރިކާގެ ސިޓީތަކެވެ.
ދެހާސް ސައްބީހުގެ ވޯލްޑް ކަޕްގެ މެޗްތައް ކުޅެން ނިންމާފައިވާ ސިޓީތަކަކީ އެޓްލާންޓާ، ބޮސްޓަން، ޑަލަސް، ލޮސް އެންޖެލިސް، ސެން ފްރަންސިސްކޯ، ފިލަޑެލްފިއާ، ނިއު ޔޯކް/ނިއު ޖާޒީ، މަޔާމީ، މޮންޓެރީ، ސިއޭޓްލް، ހިއުސްޓަން، މެކްސިކޯ ސިޓީ، ކެންސަސް ސިޓީ، ޓޮރެންޓޯ، ވެންކޫވާ އަދި ގުއަޑަލަޖަރާ އެވެ.
Your #FIFAWorldCup 2026 Host Cities:
🇺🇸Atlanta
🇺🇸Boston
🇺🇸Dallas
🇲🇽Guadalajara
🇺🇸Houston
🇺🇸Kansas City
🇺🇸Los Angeles
🇲🇽Mexico City
🇺🇸Miami
🇲🇽Monterrey
🇺🇸New York / New Jersey
🇺🇸Philadelphia
🇺🇸San Francisco Bay Area
🇺🇸Seattle
🇨🇦Toronto
🇨🇦Vancouver— FIFA World Cup (@FIFAWorldCup) June 16, 2022
ފާހަގަކޮށްލެވޭ ކަމަކީ އެމެރިކާގައި 1994 ގައި ވެސް ވޯލްޑް ކަޕް ބާއްވާފައިވާކަމެވެ. އަދި މީގެ ކުރިން މެކްސިކޯގައި ދެ ފަހަރެއްގެ މަތިން މުބާރާތް ބޭއްވި އެވެ. އެއީ 1970 އާއި 1986 ގަ އެވެ. ކެނެޑާގައި 2015 ގައި އަންހެނުންގެ ވޯލްޑް ކަޕް ބޭއްވި އެވެ. އެއީ 2026 ގެ މުބާރާތަކީ ފިރިހެނުންގެ މުބާރާތް އެ ގައުމުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް ތާރީހުގައި މުބާރާތެއް އެއްފަހަރާ ތިން ގައުމެއްގައި ބާއްވަން ނިންމުމުގެ އިތުރަށް 2026 ގެ މުބާރާތް ވަނީ މުޅިން އަލަށް 48 ޓީމާ އެކު ބާއްވާ މުބާރާތަށް ވެސް މެ އެވެ. އާންމުކޮށް ވޯލްޑް ކަޕްގައި ވާދަކުރަނީ 32 ގައުމެކެވެ. މީގެ ކުރިން ވޯލްށޑް ކަޕް އެއްފަހަރާ ދެ ގައުމެއްގައި ބާއްވާފައިވެ އެވެ. އެއީ 2002 ގައި ޖަޕާނާއި ދެކުނު ކޮރެއާގަ އެވެ.
ދެހާސް ސައްބީހުގެ މުބާރާތާ ބެހޭ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މުބާރާތަކީ ވަރަށް ތާރީހީ މުބާރާތަކަށް ވާނެ ކަމަށާއި މުބާރާތުގެ ސަބަބުން ތިން ގައުމަށް އިތުރު ކުރިއެރުންތަކެއް ވެސް އަންނާނެ ކަމަށެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ 22 ވަނަ މުބާރާތް މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ގަތަރުގަ އެވެ. އެއީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.