Last Updated: April 26, 11:19
Friday, April 26, 2024
މީހުން

މޯދީގެ މަންމަ އަށް 100 އަހަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންމަ ހީރަބެން މޯދީ އަށް މިއަދު 100 އަހަރު ފުރިއްޖެ އެވެ.

އޭނާ އުފަންވީ ޖޫން 18، 1923 ގަ އެވެ. މަންމަގެ އުފަން ދުވަސް ފާހަގަކުރުމަށް މޯދީ މިއަދު ހުންނެވީ ގުޖުރާތުގެ ގާންދީނަގަރުގަ އެވެ. އަދި އުފަން ދުވަހުގެ ތަހުނިޔާ ޓްވިޓާގައި ވެސް ވިދާޅުވެ، މަންމައާ ބެހޭ ގޮތުން ލިޔުއްވާފައިވާ ދިގު މަޒުމޫނެއް ވެސް ޕޯސްޓްކުރައްވާފައިވެ އެވެ.

އެ މަޒުމޫނުގައި މޯދީ، 71، ވިދާޅުވީ މިއަދަކީ މަންމަގެ ހަޔާތުން ވަރަށް ހާއްސަ ދުވަހެއް ކަމަށާއި މަންމަ އަކީ އަބަދު ވެސް ވަރަށް ހާއްސަ މީހެއް ކަމަށެވެ. އަދި "މަންމަ" އެ ލަފުޒަކީ އެއްގޮތަކަށް ވެސް އާދައިގެ ލަޒުފެއް ނޫން ކަމަށާއި އެއީ އެތަކެއް ޖަޒުބާތަކާއި އިހުސާސްތަކެއް އެކުލެވިގެންވާ ވަރަށް ވަރުގަދަ "ނަމެއް" ކަމަށް މޯދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ބައްޕަ ވެސް ދުނިޔޭގައި ހުރި ނަމަ އުމުރު ގަރުނެއް ކަނޑައްތުކޮށްފައިވާނެ ކަމަށެވެ.

މޯދީ މަންމަގެ އުފަން ދުވަހާ ގުޅުވައިގެން ތަފާތު އެކި ކަހަލަ ހަރަކާތްތައް މިއަދު ހިންގަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކަށް ކާން ދިނުން ހިމެނެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ހީރާބެންގެ 100 ވަނަ އުފަން ދުވަހާ ގުޅުވައިގެން ގާންދީނަގަރުގެ 80 މީޓަރުގެ މަގަކަށް މަންމަގެ ނަން ވެސް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެ މަގަށް ދޭން ނިންމާފައިވާ ނަމަކީ "ޕުޖިއާ ހިރާބާ މަރްގް" އެވެ.

މޯދީގެ މަންމަ ހީރާބެން ގާންދީނަގަރުގައި ދިރިއުޅެނީ މޯދީގެ ހަގު ކޮއްކޮ ޕަންކަޖް މޯދީއާ އެކީގަ އެވެ.