Last Updated: July 6, 18:23
Wednesday, July 6, 2022
މުނިފޫހިފިލުވުން

"ދަ ނައިޓް މެނޭޖާ" އަކީ "ކެޕްޓަން"

ހޮލީވުޑްގެ ތަރި ޓޮމް ހިޑެލްސްޓަނާ އެކީ ބީބީސީން ވަން ގެނެސްދިން ކާމިޔާބު ސިލްސިލާ "ދަ ނައިޓް މެނޭޖާ" ގެ ހިންދީ ވާޝަންގެ ނަމަކަށް "ކެޕްޓަން" ހަމަޖައްސައިފި އެވެ.

ދާދި ފަހުން ސްރީ ލަންކާގައި ވެސް މަންޒަރުތަކެއް ނަގާފައިވާ މި ސީރީޒްގެ ލީޑް ތަރި އަކީ އަދިތިޔާ ރޯއި ކަޕޫރެވެ. އޭނަ އަށް މި ކުޅެން ލިބުނީ ރިތިކް ރޯޝަނަށް ލިބުނު ފުރުސަތު ދޫކޮށްލުމާ ގުޅިގެންނެވެ. "ކެޕްޓަން" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ސޮބީތާ ދުލިޕާލާ ވެސް ހިމެނެ އެވެ. އަނިލް އާއި އަދިތިޔާ ކުރިން 2020 ގެ "މަލަންގް" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.

ސްޕައި ތުރިލާއެއްގެ ގޮތުގައި 2016 ގައި ގެނެސްދިން "ދަ ނައިޓް މެނޭޖާ" އިންޑިއާގެ އޯޑިއަންސަށް އިންޑިއާގެ ރަހަ ލައްވައިގެން ގެނެސްދޭން ތައްޔާރުވާ އިރު، މީގެ އެއް ޕްރޮޑިއުސަރަކީ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އެވެ. ބަނިޖޭ އޭޝިއާ ވެސް ހިއްސާވެގެން ހަދާ "ކެޕްޓަން" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ތެރޭގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

މީގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ އެވެ.

ހަ އެޕިސޯޑަށް ގެނެސްދިން "ދަ ނައިޓް މެނޭޖާ" އަކީ ޑޭވިޑް ފާގެ ސްކްރީންޕްލޭއަކަށް ސޫޒަން ބިއާ ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ ކާސްޓުން ހިޓެލްސްޓަނާ އެކީ އޮލީވިއާ ކޮލްމަން، ހިއު ލޯރީ، ޓޮމް ހޮލޭންޑާ އަދި އެލިޒަބަތު ޑެބީކީ ފަދަ ތަރިން ފެނިފައިވެ އެވެ.