Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބިދޭސީން ތިބި އިމާރާތަކީ މިހާރު މިސްކިތެއް ނޫން

ބިދޭސީންތަކެއް ދިރިއުޅެން ބައިތިއްބާފައިވަނީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތެއްގައި ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފ.ދަރަނބޫދޫ މިސްކިތެއްގައި ބީދޭސީންތަކެއް "ދިރިއުޅެމުން" އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ދަރަނބޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު، ކުރިން އެ ރަށުގައި ބޭނުންކުރި މިސްކިތް ބަންދުކުރެވިފައިވާ ކަމަށެވެ. އަދި އެ މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކްލާހެއް ހިންގަން އެ ރަށު ކައުންސިލުން އެދުމާއެކު އެކަން ކުރުމަށް އެ މިސްކިތް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެތަނުގައި ކައުންސިލުން ގުރުއާން ކްލާސް ހިންގިކަން އެނގިފައިވާ ކަމަށާއި 2017 ވަނަ އަހަރު މިސްކިތް ބަންދު ކުރެވުނު ހިސާބުން ފެށިގެން އެ އިމާރާތް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ވީޑިއޯ އިންނަ ފެންނަ ގޮތުގައި ބިދޭސީން މިސްކިތުގައި ދިރިއުޅެނީ ގެއެއްގައި އުޅޭ ގޮތަށެވެ. އެގޮތުން މިސްކިތުގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާ ތަނާއި އެ މީހުންގެ އަންނައުނު މިސްކިތުގެ އެތެރެ އާއި ބޭރުގައި އެލުވާފައިވާ ތަން ވެސް ފެނެ އެވެ. އަދި ވީޑިއޯގައި ތުވާލި އަނދެގެން ބަޔަކު އުޅޭ ތަން ވެސް ފެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީން އެ މީހުންގެ މަސައްކަތްތަކަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި މިސްކިތުގެ ގޯތިތެރޭގަ އާއި ފެންޑާގައި ވެސް ބަހައްޓާފައިވާ ތަން ފެނެ އެވެ.