Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މޯލްޑިވިއަން ބަނގުރޫޓްވެދާނެ: އަލީ

ގައުމީ އެއާލައިން، މޯލްޑިވިއަން މިހާރު އޮތީ ބަނގުރޫޓްވުމާ ދިމާއަކަށް ކަމަށް ރައްޔިތުމްގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމްގެ ފައިދާ ވެސް މޯލްޑިވިއަން އަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރުމުން ކަމަށެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަނަށް މިދިޔަ އަހަރު އެކަނި ވެސް 159 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައ ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި 99 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.

މިދިޔަ އަހަރު އައިއޭއެސް އަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބެނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކޮށްފައިވާ 16 އެއާޕޯޓުގެ ތެރެއިން 14 އެއާޕޯޓަށް މޯލްޑިވިއަން އިން އަންނަނީ ދަތުރު ކުރަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ވިދިގެން ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު އައިއޭއެސް އަށް 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

މޯލްޑިވިއަން ގެއްލުމުގައި ހިންގާ އިރު، އެ އެއާލައިންގެ ޓިކެޓްގެ އަގު ދާދި ފަހުން ބޮޑުކުރުމާ ގުޅިގެން އާންމުންގެ ފަރާތުން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި ޓިކެޓްގެ އަގު ބޮޑުކުރަން ޖެހުނީ ތެލަށްކުރަން ޖެހޭ ހަރަދު ބޮޑުވުމާ ގުޅިގެންނެވެ.