ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަޖް ޖޯހަރް އަބަދު ވެސް ފޮޓޯ ނަގާ އިރު މާ ރީތިކޮށް ހުންނަން ޕޯސްކޮށް ތުންފަތަށް ފާޑުފާޑުގެ ގޮތްގޮތް ހަދާތީ ދަރިފުޅު ޔާޝް ޖޯހަރް އެކަމަށް "މަލާމާތްކޮށްފި" އެވެ.
ކަރަން ފާހަގަކުރެވިފައި ވަނީ ބަތަލާ ކަރީނާ ކަޕޫރް "ކޮޕީކުރަން" ފާޑުފާޑަށް "ޕައުޓްކުރަން" އަރާ ހުންނަ މީހެއްގެ ގޮތުގަ އެވެ. އަދި މިކަމާ ހެދި ވަރަށް ގިނަ ބަޔަކު އޭނަ އަށް އަބަދު ވެސް ވަރަށް ޖޯކް ވެސް ޖަހަ އެވެ.
އިއްޔެ ދެ ދަރިންނާއި މަންމަ ހީރޫ ޖޯހަރާ އެކު މުމްބާއީން ބޭރަށް ދާން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅުމުގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ކަރަން އިންސްޓްރާމްގައި ޕޯސްޓްކުރި އެވެ. އެ ޕޯސްޓްގެ ކެޕްޝަނަކަށް ލިޔެފައި އޮތީ ޕައުޓްކުރާތީ "މަލާމާތްކޮށް" ލަދުގަންނުވާލީ ކަމަށް ބުނެ އެވެ. ވީޑިއޯގައި ފެންނާނީ ބައްޕަ ފާޑަކަށް ޕޯސްކޮށް، ޕައުޓްކުރާތީ އެކަން ވަރަށް ކަމުނުދާ ކަމަށް ޔާޝް ބުނާ ތަނެވެ. އަދި ކަރަން ޕައުޓްކުރާ ގޮތަށް ތުންފަތަށް ޔާޝް ވައްތަރެއް ޖައްސާތަން ވެސް ފެނެ އެވެ. އެއާ އެކީ ކަރަން ހިނިގަނޑުފަޅައިގެން ދާ އަޑު ވެސް ވީޑިއޯ އިން އިވެ އެވެ.
މި ވީޑިއޯ އަށް ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ކޮމެންޓްކުރި އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ކަރީނާ ކުރި ކޮމެންޓެވެ. އޭގައި ބުނީ "ޔާޝް ތި ހެދީ ރަނގަޅަށް" ކަމަށާއި "ކަރަން އުޅޭ ވައްތަރު ބުނެދެވޭނީ ވެސް ހަމައެކަނި ތި ދަރިފުޅަށް" ކަމަށެވެ.
ކަރަން ވަރަށް އާންމުކޮށް އޭނަ އާއި ދެ ދަރިންނާ ދެމެދު ހިނގާ މިފަދަ މަޖާ މުއާމަލާތްތައް އިންސްޓަގްރާމްގައި ޕޯސްޓްކުރެ އެވެ. ކައިވެންޏެއްކޮށްފައި ނުވާ 50 އަހަރުގެ ކަރަންގެ ދެ ދަރިންނަކީ ސަރޮގޭޓްކޮށްގެން ހޯދި އެއްމާބަނޑު ދެ ޖިންސްގެ ދެ ކުދިންނެވެ. އެއީ މިހާރު 5 އަހަރު ޔާޝް އާއި ރޫހީ ޖޯހަރެވެ.
"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ ރީތި ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މިހާރު އަންނަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ކިޔާ ފިލްމެއް ހަދަމުންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ.