Last Updated: July 10, 10:26
Thursday, July 10, 2025
މުނިފޫހިފިލުވުން

ސަނީއާ އެކީ ޗުއްޓީ ހޭދަކޮށްލަން ފުރުސަތެއް

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯނާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

"ޓްރެޝަ އައިލޭންޑް ވެކޭޝަން ވިތު ސަނީ ލިއޯނީ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި އޮފާގެ ވާހަކަ ސަނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުން އޭނާއާ އެކު ޗުއްޓީ ހޭދަކޮށްލަން ލިބޭ މި ފުރުސަތު ރާއްޖޭގައި ކުރިއަށް ދާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 16-19 އަށެވެ.

މީގައި ބައިވެރިވާން ބުކްކުރަން ޖެހެނީ އިންޑިއާގެ ޓްރެވެލް އޭޖެންސީއެއް ކަމަށްވާ www.asyouplan.com މެދުވެެރިކޮށެވެ. މީގެ ރިސޯޓް ޕާޓްނަރަކީ އަރިއަތޮޅު ހުރުހެޅީގައި ހިންގާ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ.

"ޓްރެޝަ އައިލޭންޑް ވެކޭޝަން ވިތު ސަނީ ލިއޯނީ މޯލްޑިވްސް" ގެ ބައިވެރިންނަށް ފަހިވާނެކަންކަމުގެ ތެރޭގައި ސަނީއާ އެކު ސަންރައިޗް ބީޗް ޔޯގާ އާއި ބީޗް ގޭމްގެ އިތުރުން ފައިނަލް ރައުންޑަށް ހޮވޭ މީހަކަށް ސަނީއާ އެކު ކޮފީ ޑޭޓަކަށް ދިއުމުގެ ފިރުސަތު ހިމެނެ އެވެ.

ފިލްމު "ޖިސްމު 2" އިން 2012 ގައި ބޮލީވުޑަށް ނުކުތް ސަނީ އަކީ މި ފަހުން ރާއްޖެ އަށް ޗުއްޓީ އަށް އެންމެ ގިނައިން އަންނަ އިންޑިއާގެ ތަރިން ތެރެއިން އެކެކެވެ. އޭނަ އެންމެ ފަހުން ރާއްޖެ އައީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ސަނީ، 41، އަކީ ތިން ކުދިންގެ މައެކެވެ. އެއީ އެޑޮޕްޓްކުރި އަންހެން ކުއްޖަކާއި ސަރޮގޭޓްކޮށްގެން ހޯދި އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ.

ކެނެޑާގައި އުޅެބޮޑުވި ސަނީގެ ފިރިމީހާ އަކީ އެމެރިކާ މީހެއް ކަމަށްވާ ޑެނިއަލް ވެބާ، 43، އެވެ.