Last Updated: July 1, 23:03
Wednesday, July 2, 2025
ވިޔަފާރި

ހޮންޑާ އާއި ސޮނީ ޖޭވީގައި ސޮއިކޮށްފި

އިލެކްޓްރިކް ކާރުގެ ވިޔަފާރި ގުޅިގެން ހިންގަން ޖަޕާނުގެ މަޝްހޫރު ދެ ކުންފުނި ކަމަށްވާ ހޮންޑާ އާއި ސޮނީ ޖޮއިންޓް ވެންޗާއަކަށް ދާން ނިންމާފައިވާކަން އިއުލާންކުރުމަށް ފަހު އޭގެ ވިޔަފާރި 2025 ގައި ފަށަން ނިންމައިފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ރަސްމީކޮށް ބުނީ ދެ ކުންފުނި އެއްވަރަކަށް ހިއްސާވެގެން ތިމާވެއްޓާ ރައްޓެހި އެއްގަމު އުޅަނދު އުފައްދައި، ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިލެކްޓްރިކް ކާރުގެ ތެރޭގައި ހިމެނޭ ސެލްފް ޑްރައިވިން ކާރު ވެސް ހިމެނެ އެވެ. ހޮންޑާ އާއި ސޮނީ ޗޮއިންޓް ވެންޗާއެއް ހަދަން ނިންމިކަން އިއުލާންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އަދި ދެ ކުންފުނި ގުޅިގެން އުފައްދާ ކުންފުންޏަށް ދީފައިވާ ނަމަކީ ސޮނީ ހޮންޑާ މޮބިލިޓީ އެވެ.

އިލެކްޓްރިކް ވެހިލަކް ނުވަތަ އީވީ ގޮތުގައި ހޮންޑާގައި މި ވަގުތު އޮތީ "ހޮންޑާ އީ" އެކަންޏެވެ. ނަމަވެސް ސޮނީއާ އެކު ޖޮއިންޓް ވެންޗާ ހަދައިގެން މަސައްކަތްކުރާ އިރު، އީވީ މޮޑެލްތަކުގެ އަދަދު 30 އަށް އިތުރުކޮށް، 2030 ހަމައަށް އަންނަ އިރު، ދެ މިލިއަން އީވީ އުފައްދަން އަމާޒު ހިފާފައިވެ އެވެ.

މި ޖޮއިންޓް ވެންޗާގެ ދަށުން ކާރު އުފެއްދުމުގެ މައިގަނޑު މަސައްކަތް ކުރާނީ ހޮންޑާގެ ފަރާތުންނެވެ. ސޮނީގެ މައިގަނޑު ޒިންމާއަކީ އީވީ އަށް ބޭނުންވާ ޒަމާނީ ސޮފްޓްވެއާ އާއި ޓެކްނޮލޮޖީ ފޯރުކޮށް ދިނުމެވެ. ސޮނީ ހޮންޑާ މޮބިލިޓީ އަށް ކޮންމެ ކުންފުންޏަކުން 5 ބިލިއަން ޔެން (37.52 މިލިއަން ޑޮލަރު) އިންވެސްޓްކުރާނެ އެވެ.