Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ގިނަ ކުޅިވަރުތަކާ އެކު އީދުގެ ތައްޔާރީތައް ކުރިއަށް

ސ.މީދޫގައި މިދިޔަ އަހަރު ފާހަގަކުރި ބޮޑު އީދު ހަރަކާތުގެ ތެރެއިން

އައްޑޫ އީދު ފެސްޓިވަލްގެ ނަމުގައި ބޮޑު އީދާ ދިމާކޮށް އައްޑޫ މީދޫ އަވަށުގައި ބާއްވަން ހަމަޖެހިފައިވާ އީދު ހަރަކާތްތަކުގެ ތައްޔާރީތައް ދަނީ ބާރަށް ކުރިއަށްކަމަށް އެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އުޅޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މީދޫ ޒުވާނުންތަކެއް އިސްނަގައިގެން މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް މީދޫގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގައި އެ އަވަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މުވައްސަސާތަކުން ބައިވެރިވާއިރު، ކުޅިވަރާއި އެހެނިހެން ގިނަ ހަރަކާތްތައް އޮންނާނެކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

އެގޮތުން، ކްލަބް ލޮތާރީން އިންތިޒާމުކޮށްގެން މަސްރޭސް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މުލިމަތި ޔުނައިޓެޑުން އިސްނަގައިގެން މާލި ޕެރޭޑާއި ފައިގަތަޅާ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ނަލަފެހި މީދޫއިން ބޮޑުމަސް ތައްޔާރުކުރަން ހަމަޖެހިފައިވާއިރު، މީދޫ އެކުވެރިންގެ ޗޭނުން ވާދެމުމުގެ މުބާރާތެއްވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.

އައި ރަނަރސްގެ ފަރާތުން އައްޑޫ ޓްރެއިލް ރަން އިވެންޓެއްވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ޕާކް ވޮލީ މުބާރާތެއްވެސް މި އީދު ފެސްޓިވަލްގެ ތެރޭގައި ކުޅެވިގެންދާނެ އެވެ.

މި ފެސްޓިވަލުގެ އެންމެ ބޮޑު އެއް ހަރަކާތަކަށް ވެގެންދާނީ އީދު ޝޯ އެވެ. ގިނަގުނަ ފަންނާނުންނާއެކު މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޛް ގުޅިގެން ކުރިއަށްގެންދާ މި އިވެންޓަކީ އެ އަވަށުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއް ޝޯއަށް ވެގެންދާނެ އެވެ.

އީދު ފެސްޓިވަލުގެ ތެރޭގައި ސ.އަތޮޅު މަދަރުސާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުޑަކުދިންނަށާއި އިސްރަށްވެހިންނަށް ޚާއްސަ ހަވީރުތަކެއް އިންތިޒާމުކުރެވިފައިވާއިރު، ޝާއިރުންގެ ވާދީއިން އިސްނަގައިގެން އިހުގެ ސަގާފީ ހަރަކާތްތައް ހިމެނޭ އިވެންޓެއްވެސް ކުރިއަށް ގެންދެވޭނެއެވެ.

މި ފެސްޓިވަލުގެ ގިނަ ހަރަކާތްތައް އޮންނާނީ މީދޫ ޓުއަރިޒަމް ޒޯން ސަރަހައްދުގައެވެ. އަދި މި ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާއިރު، މިހާރުވެސް ގިނަ ބަޔަކު ދަނީ ގެސްޓްހައުސްތަކަށް ބުކިންގ ހަދަމުންކަމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، ގެސްޓްހައުސްތަކުން ވަނީ މި ފެސްޓިވަލާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަންތަކެއް ފަށާފައެވެ. އަދި ކެނެރީފް ރިސޯޓުންވެސް އައްޑޫ އީދު ފެސްޓިވަލްގެ ނަމުގައި ޕްރޮމޯޝަނެއް ފެށުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ އީދު ފެސްޓިވަލަކީ ރާއްޖޭގެ ދެކުނުގައި ބޭއްވޭ އެންމެ ބޮޑު އެއް އީދު ފެސްޓިވަލަށް ހެދުމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ވަނީ އަމާޒު ހިފާފައެވެ. މި ފެސްޓިވަލުގެ ހުރިހައި ކަމެއްގައި އައްޑޫ ސިޓީ ކައުންސިލާއި، މީދޫ އަވަށުގެ ކައުންސިލަރ އާމިނަތު ޞާލިހާގެ އެއްބާރުލުން ފުރިހަމައަށް ލިބެމުން އަންނަކަމަށް ފެސްޓިވަލުގެ ކަންކަމުގައި އިސްކޮށް އުޅޭ ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.

މި ފެސްޓިވަލާ ގުޅޭ ގިނަ މައުލޫމާތުތައް އައްޑޫ އީދު ފެސްޓިވަލް ޕޭޖުން ލިބިލައްވާނެއެވެ.