Last Updated: July 1, 23:03
Wednesday, July 2, 2025
މުނިފޫހިފިލުވުން

"އިސްތިރީ" ގެ ޕްރީކްއެލްއެއް ހަދަނީ

ޝަރްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ކުޅުނު ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޕްރީކްއެލްއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް އަށާރައިގައި ރިލީޒްކުރި ފިލްމުގައި ދައްކުވައި ދިން ހާދިސާތަކުގެ ކުރިން ހިނގާފައިވާ ކަންކަމަށް ބިނާކޮށް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކުރި އިރު، "އިސްތިރީ" ސީކްއެލްއެއް ހަދަން އުޅޭ ވާހަކަ ވެސް ކުރިން އޮތީ ދެކެވިފަ އެވެ. އެކަމަކު މިހާތަނަށް އެއާ ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަދި ޕްރީކްއެލްއާ ބެހޭ އެއްވެސް ވާހަކައެއް ވެސް ފިލްމުގެ ޓީމަކުން ނުދައްކަ އެވެ.

"އިސްތިރީ" ޑައިރެކްޓްކުރި އަމަރު ކޯޝިކްގެ ކުރިއަށް އޮތް ފިލްމަކީ ވެސް ހޮރޯ-ކޮމެޑީއެކެވެ. އެއީ މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް "ބޭޅިޔާ" އެވެ. މި އަހަރުގެ ނޮވެމްބަރު 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ތަރިންނަކީ ވަރުން ދަވަނާއި ކްރިތީ ސެނަން އެވެ.

ޕީޕިން މޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އިސްތިރީ" ގެ ޕްރީކްއެލްގެ ޝޫޓިން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ކުރީގެ ފިލްމުގައި ޝްދަރާ ކުޅުނު ރޯލު އޭގައި ވެސް އޭނާ ކުޅޭނެ އެވެ. "އިސްތިރީ" އަކީ އިންޑިއާގެ ރަށްފުށުގެ ހިސާބެއްގައި ރޭގަނޑު ޖިންނިން ފިރިހެނުން ޖަހައިގަނެގެން ދާ ކަމަށް ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށް ހެދި ފިލްމެކެވެ. އަދި އެގޮތަށް ފިރިހެނުން ގެއްލޭ އިރު، ދޫކޮށްލާފައި އޮންނަނީ އެ މީހަކު ލައިހެން ހުންނަ ފޭރާން އެކަންޏެވެ.

އެންމެ 20 ކްރޯޑް ރުޕީސް (2.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "އިސްތިރީ" އަކީ ބޮކްސް އޮފީހުގައި 180.76 ކްރޯޑް ރުޕީސް (23.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން އެ އުފެއްދި ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން މިދިޔަ އަހަރު "ރޫހީ" ކިޔާ ހޮރޯ-ކޮމެޑީއެއް ވެސް ގެނެސްދިނެވެ. ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލުބުނު އެ ފިލްމުގެ ތަރިންނަކީ "އިސްތިރީ" ގެ ބަތަލު ރާޖް އާއި ޖާންވީ ކަޕޫރްގެ އިތުރުން ވަރުން ޝަރުމާ އެވެ.