Last Updated: July 6, 17:26
Wednesday, July 6, 2022
ރިޕޯޓް

ހަރަދު ކުޑަކުރުމުގެ ސާކިއުލާ: އިގުތިސާދީ ފިޔަވަޅުތައް "އަތަށް ގޮވަނީ"؟

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ދެއްކެވީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ ވާހަކައެކެވެ. ބާރު ސްޕީޑުގައި އިގްތިސާދު ކުރިއަރާތީ އެކަމުގައި މިވަގުތު ބަޔަކު ކަންބޮޑުވެ ސުވާލު އުފައްދަންޖެހޭފަދަ ހާލަތެއް ނެތް ވާހަކައެވެ.

މުޅި ދުނިޔޭގެ އިގްތިސާދު މިވަގުތު ނާޒުކު ހާލަތުގައި އޮތްއިރު, ދައުލަތުގެ ޗެކް އެންޑް ބެލެންސް ގާއިމުކުރުމުގެ ބާރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާން ފެށުމުން އެކަންވެސްވީ "ދުޝްމަނުންނަށް ހިތްވަރު" ދިނުން ކަމަށެވެ.

ވަށައިގެންވާ ގައުމުތަކުގެ ހާލަތާއި މުޅި ދުނިޔޭގެ އިގްތިސާދު ބަދަލުވަމުންދާ ދިއުމަކީ އެންމެނަށްމެ ފެންނަން އޮތް ޙަޤީޤީ މަންޒަރެކެވެ. އެކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ސުވާލު އުފެއްދުން ގޯހަކަށް މިއަދު ވާންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. އެހެންނަމަވެސް ސުވާލު އުފެއްދުން މިއަދު ގޯސްވީއެވެ.

އިޤްތިސާދާމެދު ވާހަކަދައްކާ ކޮންމެ މީހަކީ ބުއްދިހަމަނުޖެހޭ މީހަކަށް ހަދައި ރާއްޖޭގެ އިތުރުން ބައިނަލް އަޤުވާމީ މާލީ އިދާރާތަކުގެ ރިޕޯޓްތައްވެސް އެއީ އަވާމެންދުރެއްކަމަށް ވިދާޅުވިތާ އަދި 72 ގަޑީރު ނުވެއެވެ. ނުވިތާކަށް ޕާޓީގެ ޤައުމީ މަޖިލީހުގެ ކުދިންކޮޅަށް އިޤްތިސާދީ ފިލާވަޅު ނަންގަވައިދެއްވާނެ ކަމަށްވެސް ވިދާޅުވީ ވަކި ބޭފުޅަކަށް ޗެލެންޖް ކުރެއްވުމުގެ ގޮތުންނެވެ. އިގްތިސާދު ރަނގަޅަށް އޮތްކަމަށް ބުނުމަށްފަހު, މިއަދު ކުއްލިއަކަށް މި ފެނުނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އެޅިތަނެވެ.

އައު މަގާމެއް ނުއުފެއްދުން, މުސާރައިގެ އޮނިގަނދަށް ބަދަލެއް ނުގެނައުން, އައު އެލަވަންސެއް ދޭން ނުފެށުން, ޕްރޮމޯޝަން ނުދިނުން އަދި އިތުރުވަގުތުގެ ފައިސާ ނުދޭން ނިންމުން މިއީ އިގްތިސާދީ ހާލަތު ރަނގަޅަށް އޮތްކަމަށް ދޭހަވާނެ ކަންކަމެއް ނޫނެވެ. އެއްވެސް އޮފީހަކުން 5000 ރުފިޔާއަށް ވުރެއް ބޮޑު ހަރަދެއް ކުރަންޖެހޭނަމަ އެކަމެއްގައި ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ހޯދަން ޖެހުމަކީ އިގްތިސާދު ރަނގަޅު ވުމުގެ ނަތީޖާތޯއެވެ؟

ކަމެއް ގޯހުން ދާއިރު އެކަމަކީ ނުވާ ކަމެއްކަމަށް ދައްކަން ވާހަކަ ދެއްކުމަށްފަހު, މިކަހަލަ ސާކިއުލާ ނެރެ 5000 ރުފިޔާގެ ބޭންޑެއްގެ ތެރޭގައި މުޅި ސަރުކާރާއި ސިވިލް ސާވިސްގެ މުވައްޒަފުން މަޅިއަރުވާލުމުން މިއީ "އަތަށް ގޮވުން" ނޫން އިތުރު ކޮންކަމެއްތޯއެވެ؟

ދުނިޔޭގެ އިގްތިސާދުވެސް އަދި ގައުމުގެ އިގްތިސާދުވެސް ގޯސް ހާލަތެއްގައި އޮތްކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރެއެވެ. މައްސަލަ އަކީ އެކަން ގަބޫލުނުކުރައްވާ, ސިޔާސީ ބޭނުމަކަށް "އޯލް އިޒް ވެލް" ވިދާޅުވެގެން ތިއްބަވާ ތިއްބެވުމެވެ. ރައްޔިތުންނަށް ކަންކަން ހާމަ ކުރުމުގެ ބަދަލުގައި ފޮރުވުމުގެ ފަލްސަފާއެއްގައި ސިޔާސީ ގޭމު ކުޅުއްވާތީއެވެ.

ކަންކަން ސިއްރު ނުކުރުއްވާ ރީތިކޮށް ހާމަކުރައްވާނަމަ މަނިކުފާނު ވިދާޅުވާފަދަ "ސްޕްކިއުލޭޓްރީ" ކަންކަން ނުހިނގާ ރައްޔިތުންނަށްވެސް ކަންކަން ސާފުވީއެވެ. އޭރަށް މިފަދަ ސާކިއުލާތައް ރައްޔިތުންނަށް ސަޕްރައިޒަކަށް ވެސް ނުވާނެއެވެ. ސުވާލުތައް އިތުރުނުވެ ކަންކަންވެސް ސާފުވީއެވެ.