Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ކައުންސިލުން މިސްކިތުގައި ނޮވިލޯން އަޅައިފި

ހުޅުމާލޭގައި އިމާރާތްކުރި ފުރަތަމަ މިސްކިތް އަދި އެ ތަނުގެ އެންމެ ބޮޑު މިސްކިތުގައި މާލެ ސިޓީ ކައުންސިލުން ނޮވިލޯން އަޅައިފި އެވެ.

މި މަސައްކަތް ނިިންމައިލުމަށް ފަހު، ފޮޓޯތަކަކާ އެކު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ޓްވިޓާގައި ވެސް އެ ވާހަކަ ހިއްސާކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ މި މަސައްކަތަކީ އެ މިސްކިތް ބިނާކުރި ފަހުން އެތަނުގައި ކުރެވުނު ފުރަތަމަ މަރާމާރުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

"ހުޅުމާލޭގެ އެންމެ ބޮޑު މިސްކިތުގައި ހުޅުމާލޭގެ ރައްޔިތުންނާއި މިސްކިތުގެ އަހުލުވެރިން އެދުނު ގޮތަށް ކައުންސިލްގެ ފަރާތުން މިއަދު ނޮވިލޯން އެޅިގެން ދިއުމަކީ އަޅުގަނޑާއި ހުޅުމާލޭގެ ރައްޔިތުން އަދި މިސްކިތުގެ އަހުލުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް." ޝުޖާއު ވިދާޅުވި އެވެ.

ބޭރުން ފެންނަ އިރު ވަށްބުރެއް ގޮތަށް ފެންނަ އެ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ތަރައްގީކޮށް، އެތަނުގައި ބިނާކުރި ފުރަތަމަ މިސްކިތެވެ.

ހުޅުމާލޭގައި މިހާރު އަށް މިސްކިތެއް ބޭނުންކުރަމުން އަންނަ އިރު ދެ މިސްކިތެއްގެ އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. މީގެ އިތުރުން އިތުރު ތިން މިސްކިތެއް ޕްލޭންކޮށްފައިވާ އިރު ހަތް މިސްކިތެއް އޮތީ އެލޮކޭޓްކޮށްފަ އެވެ.