Last Updated: April 26, 17:40
Friday, April 26, 2024
މުނިފޫހިފިލުވުން

"ހޭއަރުވާލަންޖެހޭ" މީހުންގެ ލިސްޓްގައި ކަރަން!

ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންގެ ތެރެއިން "ހޭއަރުވާލަންޖެހޭ" ކަމަށް ގޭންގަކުން ކަނޑައަޅާފައިވާ ލިސްޓްގައި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެސް ހިމެނޭ ކަމަށް ބުނެ ފުލުހުންނަށް ބަޔާނެއް ދީފި އެވެ.

މިފަދަ މައުލޫމާތެއް ފުލުހުންނަށް ދީފައި ވަނީ ދާފި ފަހުން ޕަންޖާބީ ލަވަކިޔުންތެރިޔާ ސިދޫ މޫސެވާލާ މަރާލުމުގެ ޒިންމާ ނެގި އަދި ސަލްމާން ޚާނާއި އޭނަގެ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރުދިން ލޯރެންސް ބިޝޯނީ ގޭންގާ ގުޅުން އޮންނަ މީހެކެވެ.

ކުރީގެ ދެ ހާދިސާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، ފުލުހުން މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު ސިދޫ މަރާލުމުގައި އިސް ރޯލެއް އަދާކުރި ކަމަށް ބެލެވޭ ސަންތޯޝް ޖާދަވާއާ ގާތް ގުޅުމެއް އޮންނަ ކަމަށް ބުނާ ސިދޭޝް ކަމްބްލޭ (މަހާކަލް) ފުލުހުންނަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ ކަރަން އަށް ބިރު ދައްކައިގެން އޭނަގެ އަތުން 5 ކްރޯޑް ރުޕީސް ފޭރިގަންނަ ލޯރެންސް ބިޝޯނީން ރާވާފައިވާ ކަމަށެވެ. އަދި އެފަދަ ކުޅިގަނޑެއް ރާވަމުން ދިޔަކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ލޯރެންސް ބިޝޯނީ އަށް ނިސްބަތްވާ އިސް ދެބޭން ކަމަށްވާ ވިކްރަމް ބްރާރް އާއި ގޯލްޑީ ބްރާރްއާ ދެމެދު އިންސްޓަގްރާމާއި ސިގްނަލްގައި ކަރަން "ހޭއަރުވައިލުމާ" ގުޅޭ ގޮތިން ވަރަށް ފުޅާކޮށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މަހާކަލް ދެއްކި ވާހަކަތައް އަދި ސައްހަ ނުކުރެވޭ ކަމަށާއި އެކަމަކު އޭނާ ދިން ބަޔާނުގައި ހުރި ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ކަރަން އަކީ ބޮލީވުޑްގައި ފިލްމު އުފައްދާ މީހުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ މުއްސަނދި އެކެކެވެ. އޭނަގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ނަން ހިނގާ އެއް ސްޓޫޑިއޯ އެވެ.

ބޮލީވުޑްގެ ނުފޫޒު ގަދަ މީސްމީހުންނަށް މަރުގެ އިންޒާރު ދިނުމާއި އެ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން ޑިމާންޑްކޮށް، ތަފާތު އެކި ކަހަލަ އިންޒާރު ދިނުމާއި އެ މީހުންނާ ދެކޮޅަށް އެކި ކަހަލަ އަނިޔާވެރި އަމަލުތައް ރޭވުމަކީ އިންޑިއާގެ އަންޑަވޯލްޑް މާފިއާގެ ޒަމާންވީ ކުޅިގަނޑެކެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި ނުފޫޒު ގަދަ ބައެއް މީސްމީހުން ކުރިން މަރާލާފައި ވެސް އެވެ. އެހެންވެ މަޝްހޫރު މީސްމީހުން ސެކިއުރިޓީ އަށް ވަރަށް ބޮޑަށް ހޭދައެއް ވެސް ކުރެ އެވެ.