Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މަޖިލީހުގައި ދައްކާހާ ވާހަކަތައް ތެދުކަމަށް ގަބޫލުކުރަން ހެޔޮނުވާނެ: ރޮޒޭ

މެމްބަރު ރޮޒައިނާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ދައްކާ ވާހަކަތަކަކީ ތެދުކަމަށް ގަބޫލުކޮށްގެން ތިބެން ހެޔޮ ނުވާނެ ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އެ އިސްލާހަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމުން ވެރިކަމުގައި ތިބިއިރު ނުކުރި ކަމެއް މިހާރު ކުރެވޭކަމަށް ދައްކަން އުޅުނު ނަމަވެސް އެކަން ނުވާނެ ކަމަށާއި، އަދި މިހާރު ހުރި ރައީސުލްޖުމްހުރިއްޔާއާ ދިމާލަށް ވަގަށް ގޮވިއަސް ކަންކަން ހައްލު ނުވާނެކަމަށެވެ. ރޮޒައިނާ ވިދާޅުވީ ޤާނޫނުތަކަށް އިސްލާހު ހުށަހެޅެނީ ޕީޕީއެމްގެ ވެރިކަމުގައި ގޯހުން ކޮށްފައިވާ ކަންތައްތަކެއް ރަނގަޅު ކުރުމަށް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ ތެރެއަށް އަތްނުބާނާކަން ވަރަށް ސާފުކޮށް މިހާރު އެނގޭނެ ކަމަށެވެ. އަދި އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ހަގީގަތާ ހިލާފަށް ވާހަކަ ދެއްކިނަމަވެސް އެ ބޭފުޅުންގެ ވެރިކަމުގައި ކަންކުރިގޮތް ރައްޔިތުން ހަނދާންނެތޭހާ ދުވަސް އަދި ނުވާކަމަށްވެސް ވިދާޅުވިއެވެ. އިދިކޮޮޅުން މަޖިލީހުގެ ތަޅުމަށް ވައްދާހާ މައްސަލައެއް ބަލައިގަންނަށް ނުޖެހޭކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ އިދިކޮޅު މެމްބަރުން ކޮމިޓީތަކަށް މައްސަލައެއް ހުށަހަޅައިފިނަމަ އެކަންކަން ބަލާކަމަށް ވިދާޅުވެފައެވެ.

ގައުމީ އެއާލައިން ގެއްލުމުގައި ހިންގާތީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިއިރު އެކަމާ ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައިވެސް ގައުމީ އެއާލައިން ހިންގީ ގެއްލުމުގައި ކަމަށެވެ. ގައުމީ އެއާލައިނުން ސަބްސިޑައިޒް ކޮށްގެން އެއާލައިން ހިންގަނީ ފައިދާ ނުވާތީ ކަމަށާއި، އެއީ އަބަދުވެސް ހިންގާ ގޮތްކަމަށް ވިދާޅުވިއެވެ.

"ގިނަ ގައުމުތަކުގެ ދައުލަތުގެ އެއާލައިން ހިނގަނީ ގެއްލުމުގައި." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އިދިކޮޅު މެމްބަރުން ރައްޔިތުންނަށް އޮޅުވާލަން ވާހަކަތަކެއް ދައްކާއިރު އެކަމަށް ޖާގަދޭން ބޭނުންނުވާ ކަމަށެވެ. އެހެންނަމަވެސް ހަރުދަނާ ވާހަކައެއް ދައްކާނަމަ އެކަމަށް ފުރުސަތުދޭނެ ކަމަށެވެ. އަދި މަޖިލިސް ކުރިއަށްދަނީ އިދިކޮޅަށް ފުރުސަތު ނުދީނޫން ކަމަށްވެސް ވިދާޅުވިއެވެ.

މި އިސްލާހަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރަނގަޅު އިސްލާހުތަކެއް ހުށަހަޅާފައިވަނިކޮށް އޭގެވެސް މަފްހޫމު އޮޅޭގޮތަށް ވާހަކަ ދައްކާފައިވުމުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ރައްޔިތުން، މަޖިލީހުގެ ވެބްސައިޓަށް ވަދެ މި އިސްލާހުގައިވާ އެއްޗެއް އަމިއްލައަށް ވިދާޅުވުމަށް އެދޭކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

"މިތާންގައި [ރައްޔިތުންގެ މަޖިލީހުގައި] މިދައްކާހާ ވާހަކައެއް އަޑުއަހައިގެން މިއީ ތެދުކަމަށް ގަބޫލުކޮށްގެން ހުންނަން ހަމަ ހެޔޮނުވާނޭ." ރޮޒައިނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް މަޖިލީހުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ނޫސްތަކުގައި ހެޑްލައިން ހަދާއިރު ހެޑްލައިންގައި އިންނަ އެއްޗެއް ކިޔާލުމަށްފަހު އޭގެ ތިރީގައި ހުންނަ ވާހަކަތައް ގިނަފަހަރު ރައްޔިތުން ނުކިޔާކަމަށެވެ. އެހެންކަމުން މައުލޫމާތު ރައްޔިތުންނަށް ދޭއިރު "ފިތުނަ އުފެދޭގޮތަށް، އޮޅޭގޮތަށް" މައުލޫމާތު ދިނުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވިއެވެ.