ފަރުހާން އަޚްތަރު މިދިޔަ އަހަރު އިއުލާންކުރި ފިލްމު "ޖީ ލޭ ޒަރާ" ގެ ލީޑް ތަރިން ބިޒީކަމުން އެ ފިލްމުގެ މަސައްކަތް ކުރިން ރޭވި ގޮތަށް ކުރިއަށް ނުގެންދެވިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ކުރިން ނިންމާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށުމަށެވެ. ނަމަވެސް ފިލްމުގެ ލީޑް ތިން ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓްގެ ޝެޑިއުލް މިހާރު އޮތް ގޮތުން ތިން ތަރިންނަށް ސެޕްޓެމްބަރަށް ވަގުތު ދެވިދާނެކަމާ ދޭތެރޭ ސުވާލު އުފެދިފައިވެ އެވެ. އަނެއްކޮޅުން ތިން ތަރިން ވެސް މަދުވެގެން ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލަށް ތިން މަސް ދުވަސް ދޭން ޖެހެ އެވެ.
އެކަމަކު ތިން ތަރިންގެ މަސައްކަތް މިހާރު ހުރި ގޮތުން ތިން މީހުންނަށް އެކީ "ޖީ ލޭ ޒަރާ" އަށް ވަގުތު ހުސްނުކުރެވިދާނެކަމުގެ ކަންބޮޑުވުމާ ފަރުހާނަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އާލިއާ މި ވަގުތު އިނގިރޭސިވިލާތުގައި އޭނަގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ މަސައްކަތްކުރަމުން އަންނަ އިރު، އޮގަސްޓާ ހަމައަށް އޭގެ ޝޫޓިން ކުރިއަށް ދާނެ އެވެ. އަދި ސެޕްޓެމްބަރު 9 ގައި އާލިއާގެ "ބުރައްމަސްތުރާ" ރިލީޒްކުރަން ތާވަލުކޮށްފައިވާތީ އެ ފިލްމުގެ ޕްރޮމޯޝަނަށް ވެސް އޭނާ ގިނަ ވަގުތު ހުސްކުރަން ޖެހެ އެވެ.
ޕްރިޔަންކާ މި ހަފުތާގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ޝޫޓިން ނިންމާލާފައި އިރު، އޭނަ ސޮއިކޮށްފައިވާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "އެންޑިން ތިންގްސް" އާއި "ސީކްރެކްޓް ޑޯޓާ" ހިމެނެ އެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ 10 އަށް ޕްރިޔަންކާގެ "އިޓްސް އޯލް ކަމިން ބެކް ޓު މީ" ރިލީޒްކުރަން ތާވަލުކޮށްފައިވާތީ އޭގެ ޕްރޮމޯޝަނަށް ވެސް ވަގުތު ދޭން ޖެހެ އެވެ.
ކެޓްރީނާ ކައިފްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިހާރު ޝޫޓިން ފަށާފައިވާ "މެރީ ކްރިސްމަސް" އާއި އަންނަ އަހަރުގެ ފިތުރު އީދަށް އޮތް "ޓައިގާ 3" ގެ އިތުރުން "ފޯންބޫތު" ހިމެނެ އެވެ.
ފަރުހާން 2011 ގައި ގެނެސްދިން "ޑޮން" އަށް ފަހު ޑައިރެކްޓްކުރަން އިއުލާންކުރި "ޖީ ލޭ ޒަރާ" އަކީ ތިން އަންހެން އެކުވެރިންގެ ވާހަކަ ކިޔައިދޭ ރޯޑް ޓްރިޕް ފިލްމެކެވެ. މި އިއުލާންކުރީ އަންނަ އަހަރު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ތަރިންގެ ބިޒީކަމާ ހެދި ޝޫޓިން ފެށޭނެ އިރެއް ވާނުވާގައި އޮތުމުން އަންނަ އަހަރު ފިލްމު ފެނިދާނެތޯ ވެސް ސުވާލު އުފެދިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަރުހާން މިހާރު އަންނަނީ "ޑޮން 3" ލިޔަމުންނެވެ. އެހެންވެ ފަހަރުގައި "ޖީ ލޭ ޒަރާ" ފަހަތަށް ޖައްސާލައި، "ޑޮން 3" އާ ވެސް އޭނަ އުޅެފާނެ އެވެ.