Last Updated: July 6, 17:26
Wednesday, July 6, 2022
މުނިފޫހިފިލުވުން

މިއީ އަދި ރަންބީރްގެ މުޅިން ތަފާތު ލުކެއް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންބީރް ކަޕޫރްގެ ފިލްމު "ޝަމްޝޭރާ" ގެ ޕޯސްޓަރު ލީކްވެފައި ވަނިކޮށް، ފިލްމުގެ ޓީމުން ރަސްމީކޮށް އޭގެ ޕޯސްޓަރު މިއަދު އާންމުކޮށްފި އެވެ.

އަދިތިޔާ ޗޯޕްޅާޔެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާފައިވާ މި ފިލްމުގައި ރަންބީރް ފެންނާނީ މީގެ ކުރިން އެއްވެސް ފިލްމަކުން އޭނާ ނުފެންނަހާ ތަފާތުކޮށެވެ. ޕޯސްޓަރުން ފެންނަނީ ބޮލާއި ތުނބުޅި ވެސް ދިގުކޮށް ރަންބީރް ތަންކޮޅެއް އިހުގެ ލުކެއްގަ އެވެ. ފިލްމުގެ ޓްރެއިލާ އާންްމުކުރާނީ މި މަހުގެ 24 ގަ އެވެ.

ޕީރިއަޑް އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ޝަމްޝޭރާ" އަކީ އިނގިރޭސީން އިންޑިއާ އަޅުވެތިކޮށްގެން އުޅުނު ޒަމާނަށް ބިނާކޮށް ހިޔާލީ ޝަހަރެއްގެ އަނިޔާވެރި ހާދިސާތަކެއް ފެނިގެންދާނެ އެއްޗެކެވެ. އެގޮތުން 1800 ގެ އަހަރުގެ ހާދިސާތަކެއް ކިޔައިދޭ ފިލްމުގެ މައިގަނޑު ޕްލޮޓަކީ އަނިޔާވެރި ރަސްކަލެއްގެ ވަކިތަކުން ޝަހަރެއް މިނިވަންކޮށް، އަޅަކު އެ ޝަހަރުގެ ވެރިކަން އަތުލުމަށް ކުރާ މަސައްކަތެވެ.

ރަންބީރާ އެކު "ޝަމްޝޭރާ" ގެ ކާސްޓުން ސަންޖޭ ދަތާއި ވާނީ ކަޕޫރާއި އަޝުތޯޝް ރާނާ އާއި ރޯނިތު ރޯއި އަދި ސޯރަބް ޝުކްލާ ފަދަ ތަރިން ފެންނާނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް 2012 ގެ "އަގުނީޕަތު" އާއި 2015 ގެ "ބްރަދާސް" ގެނެސްދިން ކަރަން މަލްއުތުރާ އެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް (19.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި އަންނަ މަހުގެ 22 ގައި ސިނަމާތަކަށް ގެންނަ "ޝަމްޝޭރާ" އަކީ 2018 ގެ "ސަންޖޫ" އަށް ފަހު ރިލީޒްވާ ރަންބީރްގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު 9 ގައި އޭނަގެ "ބުރައްމަސްތުރާ" ވެސް ސިނަމާތަކަށް އަންނާނެ އެވެ.