ފިލިޕީންސްގެ ރައީސްގެ މަގާމުގައި ހުންނެވި ރޮޑްރިގޯ ޑުޓާޓްގެ ދޮށީ އަންހެން ދަރިފުޅު ސާރާ ޑުޓާޓް ގައުމުގެ ނައިބު ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
އުމުރުން 44 އަހަރުގެ ސާރާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، މި މަހުގެ 30 ގައި ބައްޕަގެ ވެރިކަމުގެ ދައުރު ހަމަވުމުން ދެން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ސާރާއާ އެކީ ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ފާޑިނަންޑް މާކޯ ޖޫނިއާ އެވެ.
ފިލިޕީންސްގެ ނައިބު ރައީސްގެ މަގާމަށް ސާރާ ވަޑައިގެންނެވުމުގެ ކުރިން މީގެ 10 އަހަރު ކުރިން އޭނާ ވަނީ ޑަވާއޯ ސިޓީގެ މޭޔަރުގެ މަގާމު ވެސް ތިން ދައުރަކަށް ފުރައްވައި، ސިޔާސީ ގޮތުން ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށް ދެއްވައިފަ އެވެ. ސާރާ އާއި މާކޯގެ ވެރިކަމުގެ ހަ އަހަރުގެ ރަސްމީ ދައުރު ފެށޭނީ ޖޫން 30 ގައި ޑުޓާޓްގެ ދައުރު ހަމަވުމާ އެކީގަ އެވެ.
ސާރާ ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ.
"އެކަމަކު ގޮންޖެހުންތަކާ އެކީ ވެސް އަޅުގަނޑު އެންމެ އިސްކަންދޭނެ އެއް ކަމަކީ ގައުމު އެއްބައިވަންތަކުރުވަން." އޭނާ ވިދާޅުވި އެވެ.
ޑުޓާޓް، 77، ފިލިޕީންސްގެ ރައީސް ކަމަށް ވަޑައިގެންނެވީ 2016 ގަ އެވެ. އަދި އޭނަ އެންމެ ބޮޑަށް މަޝްހޫރުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވާ ލީޑަރެއްގެ ގޮތުގަ އެވެ.