Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ޔޯގާ އިވެންޓްގައި ބައިވެރި ނުވާން ގޮވާލައިފި

މާދަމާ ފާހަގަކުރާ އިންޓަނޭޝަނަލް ޔޯގާ ދުވަހާ ގުޅުވައިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ޔޫތު މިނިސްޓްރީއާ ގުޅިގެން ހިންގަން އުޅޭ ޔޯގާ ހަރަކާތަކީ ހިންދޫންގެ ކަލާނގެއެއް ޕްރޮމޯޓްކުރަން ކުރާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ދިވެހިންނަށް ގޮވާލައްވައިފި އެވެ.

މާދަމާ ހެނދުނު 6:30 ގައި މާލޭގެ ރަސްފަންނުގައި ބާއްވަން ތާވަލުކޮށްފައިވާ އިވެންޓާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީންކޮށްފައިވާ ޓްވީޓެއް ޓެގްކުރައްވައި ޓްވިޓާގައި އިހުސާން ވިދާޅުވީ މާދަމާގެ ހަރަކާތަކީ ޔޯގާގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެގެވުމަކަށް އިންޑިއާގެ ކަލާނގެއެއް ޕްރޮމޯޓްކުރަން ކުރަން އުޅޭ ކަމެއް ކަމަށެވެ.

"މި ނުރައްކަލުން ސަލާމަތްވެ ތިބުމަށް އެންމެހާ ދިވެހިންނަށް ދަންނަވަން،" އިހުސާން ވިދާޅުވި އެވެ. "…މި ހަރަކާތަކީ އެ މީހުން އެ ކިޔާ ޝިވް ކަލާނގެ އަށް ނިސްބަތްކޮށް ހިންގާ ހިންދޫންގެ ހަރަކާތެއް."

ޔޯގާ އިވެންޓަށް ރަސްފަންނު ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އިންޑިއާ އަކީ ޔޯގާ ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ ގައުމެކެވެ. ހާއްސަކޮށް މޯދީ އަކީ ޔޯގާ އަށް ވަރަށް ބޮޑަށް ތަބާވާ ވެރިއެކެވެ.

ޔޯގާއާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ހަސަން މޫސާ ފިކުރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ހިންދޫން އެކަމެއްގެ މައްޗަށް ފަޚުރުވެރިވާ އެ މީހުންގެ ދީނީ އަޅުކަމެއް ކަމަށެވެ.

"ޔޯގާ ބިނާވެފައި ވަނީ ޝިރުކުގެ އަސާސްތަކުގެ މައްޗަށް. ޔޯގާ ނޫން ކަސްރަތެއް ޚިޔާރުކުރައްވާ." އޭނާ ވިދާޅުވި އެވެ.