Last Updated: July 10, 10:46
Thursday, July 10, 2025
ޚަބަރު

ވިނަރެސް ފްލެޓަކީ މި ސަރުކާރުގެ ކާމިޔާބީއެއް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް - ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރުގެ ކާމިޔާބީއެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސީމެކް ކުންފުނީގެ އެހީގައި ތަރައްގީ ކުރި ވިނަރެސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމައި ރަސްމީކޮށް މިއަދު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. އެގޮތުން މިކަމުގެ ރަމްޒީ ތަޅުދަނޑިއާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި މަޝްރޫއުގައި 2009 ވަނަ އަހަރު ސޮއިކުރީ ވެސް އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކަމަށާއި މިި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ހުޅުމާލޭގައި ހިންގިއިރު ދެވަނަ ފިޔަވަހީގައި ހުޅުމާލޭގައި 796 ޔުނިޓް އަދި ރާއްޖޭގެ ދެކުނުގެ ހަތަރު ރަށެއްގައި 704 ހައުސިން ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ކަމަށެވެ.

ވިނަރެސްއަކީ މިމަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކަމަށާއި އެކަމުގެ އެއްބަސްވުމުގައި ކުރީގެ ސަރުކާރުން ސޮއިކުރި ނަމަވެސް މި ހައުސިން ޕްރޮޖެކްޓު އުފަންވެގެން އައީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ވިނަރެސް ޕްރޮޖެކްޓުގެ މަސައްކަތް ކިރިޔާ ފެށުނީ ކަމަށާއި ގިނަ އިމާރާތްތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ހުރީ ނުފެށި ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅުކޮށް މަސައްކަތް ކޮށްފައިވާ މަޝްރޫއު ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހައްގު އަދި އަޅުގަނޑު ދައުވާކުރަން މިއީ ވެސް ހަމަ އަޅުގަނޑުމެންގެ މިސަރުކާރުގެ މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެެއް ގޮތުގައި." އަސްލަމް ވިދާޅުވި އެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރުކުރި 1،344 ފްލެޓް ހުންނަނީ 10 ޓަވަރަށް ބަހާފަ އެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު، ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުރެ އެވެ. އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ.

އެތަންތަން ވިއްކަނީ ތިން މޮޑެލެއްގެ ދަށުންނެވެ. އެއީ ލީސް ޓު އޯން މޮޑެލް، އޯން އިކުއިޓީ ފައިނޭންސިން މޮޑެލް އަދި އެންޑް ޔޫޒާ މޮޑެލް އެވެ.

ލީސް ޓު އޯން މޮޑެލްގެ ދަށުން ދެ ގޮތެއް ލިބޭނެ އެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ ޑައުންޕޭމަންޓަށް ވިހި ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓުގެ އަގު އެއް ފަހަރާވެސް ދެއްކޭނެ އެވެ. އަދި ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެ އެވެ.