އެއްވެސް އިރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މައްސަލައެއް ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަން މަލީހް ކުރެއްވި ނަމަވެސް މިނިސްޓަރު ކަމުން ވަނީ ވަކިކުރައްވާފަ އެވެ. އެއާއެކު ޕީޕީއެމުން މަލީހް ވަކިވިއިރު އޭގެފަހުން ޔާމީނަށް ފާޑު ވިދާޅުވަމުން މަލީހު ދެން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފަ އެވެ.
އޭގެ ފަހުން ޕީޕީއެމްއާ އަލުން މަލީހް ގުޅިފައިވާއިރު ރޭ "ސަންގުޓީވީ"ގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ޕާޓީތަކުގައި ދިމާވާ މައްސަލައަކީ ދޭތެރެއަކުން އަންނަ ބޭފުޅުން މާ ބާރުގަދަވެ، މާލިއްޔަތު ފުޅާކުރަން އުޅުން ކަމަށާއި ޕީޕީއެމަށް ވެސް ކުރިން ދިމާވީ އެފަދަ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ބާރުގަދަ ޓޫރިޒަމް މިނިސްޓަރާއި އޭނާގެ އަރިސް ބޭފުޅުން ޖެހި ސަކަރާތުގެ ހިތި ނަތީޖާ ޕީޕީއެމުން ފެނިގެންދިޔަ ކަމަށް މަލީހް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެއް އިރެއްގައި ވެސް މައްސަލަ އޮތީކީ ރައީސް ޔާމީނަކާ ނޫން. އެއް އިރެއްގައި ވެސް ނެތް." މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ޔާމީނަކީ ރާއްޖެ އަށް ފަހުގެ ތާރީހެއްގައި އައި ބޮޑު އިންގިލާބީ ބަދަލުގެ މޭސްތިރިޔާ ކަމަށާއި އަދި އެއީ މިވަގުތު ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަށް ހައްލު ކުރުމުގެ ތަޖުރިބާ އާއި ފަންނީ ގާބިލުކަން ހުރި ހަމައެކަނި ލީޑަރު ކަމަށެވެ.
"އަޅުގަނޑުމެންނަށް އޭރު އެދިމާވީ އެއްގޮތަކަށް ވެސް ރައީސް ޔާމީނާއި އޮތް ހިޔާލުތަފާތުވުމެއްގެ ތެރެއިން އައި ކަމެއް ނޫން. އެހެން ނަމަވެސް ބާރުގަދަ ބަޔަކު އައިސް ޕީޕީއެމް އެއްކޮށް ހަލާކުކޮށްލީ. މިއަދު އެ ބޭފުޅުންނެއް ނެތް، ވަރަށް ފަސޭހަ." އޭނާ ވިދާޅުވި އެވެ.
މަލީހް ވަނީ މިހާރު ބޭނުންވަނީ 2013 ވަނަ އަހަރު އޮތް ފަދަ ރަންޒަމާނެއް ޕީޕީއެމަށް ގެނައުމަށް ކަމަށާއި އޭރު އޮތް ރަންޒަމާން ގެނައުމަށްޓަކާ އޭނާ އަކީ މުހިއްމު ބައިވެރިއެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޔާމީނާއެކު އޭރު އިހުލާސްތެރި މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް މަލީހް ވިދާޅުވި އެވެ.