Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މުޅި އަހަރު ދީނީ ޕްރޮގްރާމްތައް ހިންގަން އެދިވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

މުޅި އަހަރުގެ ބާރަ މަސް ދުވަހަށް ބަހާލައިގެން އެއްވެސް އަތޮޅެއް ބާކީ ނުކޮށް، މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އެދިވަޑައިގެންފި އެވެ.

ފައިސަލް މިކަމަށް އެދިވަޑައިގެންނެވީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކަށް ހެދުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ޚާއްޞަކޮށް، ރައްޔިތުންގެ މެދުގައި ދީނީ ރޫޙު ޢާލާކޮށް ދިރުވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް ޢާންމުންނާއި ހަމައަށް ގެނެސްދެވޭކަން ފާހަގަކުރެއްވި އެވެ. އެގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ދީނީ އިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަންވެސް ފާހަގަކުރެއްވެވި އެވެ. އަދި ދީނީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ފަރާތްތަކަށް ނައިބް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ ރޯދަ މަހު އަތޮޅުތެރޭގައި އިހްޔާ ޕްރޮގްރާމްތަކެއް ރޭވިގެން ކުރިއަށް ގެންގޮސްފައިވާ ކަންވެސް ފާހަގަކުރެއްވެވި އެވެ.