Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔޯގާ އިވެންޓަށް ހުރަސް، ހަ މީހަކު ހައްޔަރަށް

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ވެރިރަށް މާލޭގެ ގަލޮޅު ދަނޑުގައި ހެނދުނު ބޭއްވި ޔޯގާ އިވެންޓަށް ބަޔަކު ހުރަސް އަޅައި އެކަން ހުއްޓުވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ހެނދުނު 6:30 ގައި ފެށި ޔޯގާ އިވެންޓަށް ހުރަސް އެޅީ ރަސޫލާގެ ނަންފުޅު ލިޔެފައިވާ ހުދު ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ދަނޑަށް ވަދެ އެވެ. އެ މީހުން ހަޅޭއްލަވަމުން ދަނޑަށް ވަދަގެތުމުން ޔޯގާ ހަދަން ތިބި މީހުން ވަނީ ދުވެ ގޮސްފަ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މިޑިއާގައި އާންމުކޮށްފައިވެ އެވެ. އެ ވީޑިއޯ އިން ފުލުހުން ވެސް ދަނޑުތެރޭގައި ހަރަކާތްތެރިވާ ތަން ފެނެ އެވެ.

އިންޑިއާގެ ހިންދޫން "އަޅުކަމެއް" ގެ ގޮތުގައި ދެކޭ ޔޯގާގެ އިވެންޓެއް ރާއްޖޭގައި ރާވާފައި މި ވަނީ ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި އެ ނޫން ވެސް އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.

އަދި ޔޯގާ އިވެންޓް ކުރިން ބާއްވަން އޮތް ރަސްފަންނު އެ ހަރަކާތަށް ނުދޭން މާލެ ސިޓީ ކައުންސިލުން ވެސް ނިންމުމުން ގަލޮޅު ދަނޑަށް އެ ހަރަކާތް ބަދަލުކުރުމަށް ފަހު އެވެ.

މި ހަރަކާތާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށް ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.