އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ އަހަރުތަކެއް ފަހުން ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ކުޅުނު ފިލްމުތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ނިކައްމާ" ވެސް ބެލުންތެރިންނަށް ކަމުދާ ފިލްމަކަށް ނުވެ، ފްލޮޕް ބޯޑު އަޅުވަން ޖެހިއްޖެ އެވެ.
މި ފިލްމަކީ ސަބީރް ޚާން ޑައިރެކްޓްކުރި އެކްޝަން ކޮމެޑީއެކެވެ. "ނިކައްމާ" ގައި ޝިލްޕާ ކުޅެފައި ވަނީ އަވްނީ ކިޔާ ކެރެކްޓާއެކެވެ. ފިލްމުގެ ލީޑް ތަރިންނަކީ އަބިމަންޔޫ ދައްސާނީ އާއި އާ ބަތަލާ ޝާލީ ސެތިއާ އެވެ. "ނިކައްމާ" އަށް ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ލިބެމުން ނުދާ އިރު، ކްރިޓިކުން ވެސް ބުނެފައި މި ވަނީ މި ފިލްމަކީ މާ ކަމުދާ ކަހަލަ ފިލްމެއް ނޫން ކަމަށެވެ.
އެގޮތުން އެންމެ ބޮޑު މައްސަލަ އަކީ އޮއްޓަރެއް ނެތް، ހަމަނުޖެހޭ ސްކްރީންޕްލޭ ކަމަށް ގިނަ ކްރިޓިކުން ބުނެފައިވެ އެވެ. "ނިކައްމާ" ހަދާފައި ވަނީ 2017 ގެ ތެލެގޫ ފިލްމު "މިޑްލް ކްލާސް އައްބޭ" އަސްލަކަށް ބަލައިގެންނެވެ.
އެކްޓިންއާ 14 ވަރަކަށް އަހަރު ދުރުގައި ހުރުމަށް ފަހު ޝިލްޕާ ފެނުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ކޮމެޑީ ފިލްމު "ހަންގާމާ 2" އެވެ. އެ ފިލްމަކީ ވެސް ބެލުންތެރިންގެ މާ ބޮޑު ސަމާލުކަމެއް ލިބުނު ފިލްމެއް ނޫނެވެ. އަނެއްކޮޅުން ފިލްމު ރިލީޒްކުރީ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ، ބަރަހަނާ ފިލްމު ހެދި ކަމަށް ބުނާ މައްސަލައެއްގައި ބެދި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެހެންވެ އެކަމުގެ ނޭދެވޭ އަސަރު ވެސް "ހަންގާމާ 2" އަށް ކުރި އެވެ.
އަހަރުތަކެއް ފަހުން ޝިލްޕާ ކުޅުނު ދެ ފިލްމު ފަނުފުލުން ދިޔަ އިރު، އޭނާ މިހާރު ވެސް އަންނަނީ ދެ ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ސުކީ" ކިޔާ ފިލްމަކާއި ރޯހިތު ޝެޓީ ހަދާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އެވެ.
ޝާހްރުކް ޚާނާ އެކީ 1993 ގައި "ބާޒީގަރް" އިން ބޮލީވުޑަށް ނުކުތް ޝިލްޕާ 47، ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ. ގިނަ ބަޔަކު ބަތަލާއެއްގެ ގޮތުގައި އޭނަގެ މަތިން އެންމެ ބޮޑަށް ހަނދާން ހުންނަނީ އެ ފިލްމުގައި ކުޅުނު އަންޖަލީގެ ރޯލުންނެވެ.