Last Updated: March 29, 06:30
Friday, March 29, 2024
ދުނިޔެ

ނޯބެލް މެޑެލް ނީލަމެއްގައި ވިއްކާލައިފި

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް މަސައްކަތްކޮށްގެން ނޯބެލް ޕީސް ޕްރައިޒް ލިބުނު ރަޝިއާގެ ނޫސްވެރިއެއްގެ މެޑަލް ނީލަމުގައި ވިއްކާލައި އެއިން ޔުކްރޭންގެ ރެފިއުޖީންނަށް އެހީވާން ނިންމައިފި އެވެ.

މިދިޔަ އަހަރު ނޯބެލް ޕީސް ޕްރައިޒް ލިބުނު ރަޝިއާގެ ނޫހެއް ކަމަށްވާ ނޮވާޔާ ގެެޒެޓާގެ އެޑިޓަ-އިން-ޗީފް ޑިމިޓްރީ މުރަޓޯވްގެ ނޯބެލް މެޑެލް ވިއްކާލާފައި ވަނީ 103.5 މިލިއަން ޑޮލަރަށެވެ. މި ހުރިހާ ފައިސާއެއް ހޭދަކުރަން ނިންމާފައި ވަނީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައިވާ މީހުންނަށް އެހީވުމަށް ޔުނިސެފަށެވެ.

އިންސާނިއްޔަތަށް އެހީވާން ޑިމިޓްރީގެ ނޯބެލް މެޑެއް ވިއްކައިލީ އެމެރިކާގެ އޮކްޝަން ހައުސްއެއް ކަމަށްވާ ހެރިޓޭޖް އޮކްޝަނާ ގުޅިގެންނެވެ. ނަމަވެސް ނީލަން ކާމިޔާބުކުރި މީހާގެ ނަމެއް ހާމައެއްނުކުރެ އެވެ. އޭނަގެ މެޑެލް ވިއްކައިލި އިރު ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މިނިވަންކަމާ އެކު ނޫސް ހިންގަން ކުރިމަތިވެފައިވާ ދަތިތަކާ ހެދި މި އަހަރުގެ މާޗުން ފެށިގެން ނޫހުގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

ނޮވާޔާ ގެޒެޓާ އަކީ ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ގުޅިގެން 1993 ގައި ވުޖޫދަށް ގެނައި އެއްޗެކެވެ. އޭރުގެ ސޮވިއެޓް ޔުނިއަން ހަމަބިމަށް ތިރިވުމާ އެކީގަ އެވެ. ޑިމިޓްރީ އަކީ ނޮވާޔާ ގެޒެޓާ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް އުޅުނު އެކެކެވެ.

ރަޝިއާ އިން ހިންގާ ޖަރީމާތަކާއި ސަރުކާރުގެ ހުދުމުހުތާރުކަމުވެ ވާހަކަ އާންމުންނާ ހަމައަށް ތިލަކޮށް ދިނުމުގައި ނޮވާޔާ ގެޒެޓާ އިން އަދާކުރަމުން އައި ދައުރުގެ ސަބަބުން ބޮޑެތި ފިއްތުންތަކާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ނޫހުގެ އަދި އެ ނޫހާ ގުޅިގެން މަސައްކަތްކުރި ހަ ނޫސްވެރިޔަކު މަރާލާފައިވެ އެވެ.