Last Updated: April 20, 08:46
Saturday, April 20, 2024
މުނިފޫހިފިލުވުން

ބެން ސްޓިލާ ޔުކްރޭންގެ ރައީސާ އެކު

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހޮލީވުޑްގެ ތަރި ބެން ސްޓިލާ ޔުކްރޭނަށް ގޮސް، އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލުކޮށްފި އެވެ.

މި ބައްދަވުމުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސްޓިލާގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒެލެންސްކީގެ ރަސްމީ ވެބްސައިޓްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. ރަޝިއާއާ ހެދި މި އަހަރުގެ މާޗް މަހުން ފެށިގެން ބޮޑު ހަނގުރާމައެއްގެ ތެރޭގައި އޮތް ޔުކްރޭނަށް ޒިޔާރަތްކޮށް، ޒެލެންސްކީއާ ބައްދަލުކޮށް ސްޓިލާ ވަނީ އޭނާ "ހީރޯއެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.

ސްޓިލާގެ މި ދަތުރަކީ އދ. ގެ ރެފިއުންޖީންނާ ބެހޭ ޖަމާއަތް ކަމަށްވާ ޔޫއެންއެޗްސީއާރްގެ ގުޑްވިލް އެމްބެސަޑަރެއްގެ ގޮތުގައި ކުރާ ދަތުރެކެވެ. މަގުސަދަކީ އެ ގައުމު މިހާރު އޮތް ހާލަތު ބަލައި، ރެފިއުޖީންނާ ވެސް ބައްދަލުކޮށް އެ ޔުކްރޭނަށް ބޭނުންވާ އެހީތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރުމެވެ. އަދި މި ދަތުރަކީ އިއްޔެ ފާހަގަކުރި ވޯލްޑް ރެފިއުޖީ ޑޭއާ ވެސް ގުޅުވައިގެން ކުރަމުން އަންނަ ދަތުރެކެވެ.

ސްޓިލާއާ އެކު، ޔުކްރޭން ދަތުރުގައި ޔޫއެންއެޗްސީއާރްގައި ޔުކްރޭން ތަމްސީލުކުރައްވާ ކެރޮނޯލާ ލިންދޯމް ވެސް ބައިވެރިވަޑައިގަންނަވަ އެވެ.

ދާދި ފަހުން ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖީލާ ޖޯލީ ވެސް ޔުކްރޭނަށް ޒިޔާރަތްކުރި އެވެ.