Last Updated: July 6, 17:26
Wednesday, July 6, 2022
ޚަބަރު

ސަލާމަތީ ބާރުތަކާ މެދު ޖަމީލުގެ ކަންބޮޑުވުންތަކެއް

ސިފައިންނާއި ފުލުހުންނާ ގުޅުން ހުރި ކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލަތަކެއް ފެންމަތިވަމުންދާތީ ސަލާމަތީ ބާރުތަކާ މެދު އޮތް އިތުބާރު ގެއްލިދާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފުލުހުންނާއި ސިފައިންނާ ގުޅުން އޮތް ކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ވާހަކަ އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ޖަމީލު ވިދާޅުވީ ސަލާމަތީ ބާރުތަކަށް މަސްތުވާތަކެތީގެ ހުތުރު ބަދުނާމި ލިވުމަކީ ވަކިް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ފަޚުރު ނެގެހެއްޓޭނީ ހަރުދަނާ ފިޔަވަޅުތަކުން." އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ހުވާގެ އަސާސީ ރުކުނަކީ ވެސް އިސްލާމް ދީން ދިފާޢުކުރުން ކަމަށެވެ.

"[އެކަމަކު] ފެންމަތިވަމުން [މި] ދަނީ މި ބާރުތަކާ މެދު އޮތް އިތުބާރާއި ޙުރުމަތް ގެއްލިގެންދާ އެތަައް ކަމެއް." އޭނާ ވިދާޅުވި އެވެ.

ފުލުހަކު ރާ ކޭސްތަކެއް ހިފައިގެން ފިލި ކަމަށް ބުނާ މައްސަލާގައި ފުލުހުން އިއްޔެ ބުނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި އިއްޔެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ބަނގުރާ ބޯން ތިބި ސިފައިންގެ ތިން މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.