ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓާ އެއް ފެންވަރެއްގެ ބަތަލާއެއްގެ ގޮތުގައި މިހާރު ސިފަކުރާތީ ވަރަށް އުފާވާ ކަމަސް ޒުވާން ބަތަލާ ކިއާރާ އަދުވާނީ ބުނެފި އެވެ.
މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބޫލް ބުލައްޔާ 2" ގެ ބަތަލާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ދީޕިކާ އާއި އާލިއާ އަކީ ނަމޫނާއެއްގެ ގޮތުގައި ވެސް ބަލާ ތަރިންތަކެއް ކަމަށެވެ. އަދި އެ މީހުން މިހާތަނަށް ކޮށްފައިވާ ކޮންމެ މަސައްކަތެއް ވެސް ވަރަށް ފުރިހަމަ ކަމަށް ކިއާރާ ބުންޏެވެ.
މިހާރު ވަރަށް ޑިމާންޑް ބޮޑު ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޖުގް ޖުހް ޖިޔޯ" ގެ ބަތަލާ ބުނި ގޮތުގައި ބޭނުން ވަނީ ދީޕިކާ އާއި އާލިއާގެ ކެރިއަރު ގޮތަށް އަމިއްލަ ކެރިއަރު ވެސް ބައްޓަންކުރާށެވެ. އެހެންވެ މިހާރު ފިލްމުތަކަށް އެއްބަސްވުމުގައި ސްކްރިޕްޓަށް ވަރަށް ބޮޑަށް ބަލާ ކަމަށާއި އެންމެ ބޮޑަށް ބަލަނީ ތަފާތު ކެރެކްޓާތައް ކުޅެން ލިބޭ ކަހަލަ އެއްޗިއްސަށް ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް އުފާކުރަން އަދި ފަހުރުވެރި ވެސް ދީޕިކާ އާއި އާލިއާ ފަދަ ވަރުގަދަ ތަރިންނާ އެއް ހަމައެއްގައި އަހަރެން މިހާރު ހިމަނާތީ. އެ މީހުންނާ އެއް ލެވެލްއަކަށް ދިއުމަކީ ފަސޭހަ ކަމެއް ވެސް ނޫން،" ކަބީރު ސިންގް އާއި ޝޭރުޝާ ފަދަ މަގުބޫލުތައް ފިލްމުތައް ކުޅުނު ކިއާރާ ބުންޏެވެ. "އެހެންވެ ކެރިއާ އަށް ފޯކަސްކޮށް، ބުރަކޮށް މަސައްކަތްކުރުމާއި ފިލްމުތައް ހޮވުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ވެސް ދޭން ޖެހޭ."
ކިއާރާ ބުނީ ބެލުންތެރިން މިހާރު އޭނާގެ ފަރާތުން ބޮޑެތި އުންމީދުތަކެއް ވެސް ކުރާތީ އެ އުންމީދުތައް ފުރިހަމަކޮށްދޭން ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މިހާރު ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއެކެވެ.
"އެކަމަކު އެއީ ޕްރެޝަރެއް ކަމެއް އަހަރެން ނުދެކެން. އަދި ޕްރެޝަރެއްގެ ގޮތުގައި ނުވެސް ނަގާނަން. ހަގީގަތުގައި ބެލުންތެރިންގެ އެ މީހަކާ ދޭތެރޭ ކުރާ އުންމީދުތައް ބޮޑުވުމަކީ ކުރިއަށްދާން އިތުރަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް." ކިއާރާ ބުންޏެވެ.
މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ބަތަލާ ބޮލީވުޑަށް ނުކުތީ އަކްޝޭ ކުމާރު ޕްރޮޑިއުސްކުރި 2014 ގެ "ފަގްލީ" އިންނެވެ. އޭގެ ފަހުން މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ އައްބަސް-މަސްތާންގެ 2017 ގެ "މެޝިން" ގެ ބަތަލާގެ ރޯލު ވެސް ކިއާރާ ކުޅުނެވެ. އެކަމަކު އޭނަގެ ވިދުން ގަދަވާން ފެށީ ނެޓްފްލިކްސްގެ 2018 ގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" އަށް ކަރަން ޖޯހަރް ޑައިރެކްޓްކުރި ސެގްމަންޓް ކުޅުނު ހިސާބުންނެވެ. އޭގެ ފަހުން ކިއާރާ ވެފައި ވަނީ ދަރުމާގެ އެއް ފެވަރިޓަށެވެ.
"ޖުގް ޖުގް ޖިއޯ" ގެ އިތުރުން މި އަހަރު ރިލީޒްކުރަން އޮތް ކިއާރާގެ "ގޯވިންދާ މޭރާ ނާމް" އަކީ ވެސް ދަރުމާގެ ފިލްމެކެވެ. އެ ސްޓޫޑިއޯ އަށް އޭނާ ކުޅުނު އެއްޗެހީގެ ތެރޭގައި "ގިލްޓީ" އާއި "ގުޑް ނިއުސް" އާއި "ކަލަންކް" އަދި "ޝޭރުޝާ" ހިމެނެ އެވެ.
ކިއާރާގެ ކުރިއަށް ޕްރޮޖެކްޓްތަކުގެ ތެރޭގައި "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަންއާ އެކު ކުޅޭ ފިލްމެއް ވެސް ހިމެނެ އެވެ.