Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އައްޑޫ އީދު ފެސްޓިވަލް: ފައިގަތަޅާ އަދި ވާދެމުން

ހިންނަވަރުގައި ކުރިއަށްދިޔަ ފައިގަތަޅާ މުބާރާތެއްގެ ތެރެއިން - ފޮޓޯ: ހޯމް މިނިސްޓްރީ

އައްޑޫ އީދު ފެސްޓިވަލް ފާހަގަކުރުމުގެ ގޮތުން ފައިގަތަޅާ މުބާރާތަކާއި ވާދެމުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީގެ މީދޫ އަވަށުގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ނިންމާފައިވާއިރު، ފައިގަތަޅާ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މުލިމަތި ޖަމްޢިއްޔާއިންނެވެ. އަދި ވާދެމުމުގެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މީދޫ އެކުވެރިންގެ ޗޭނުންނެވެ.

ފައިގަތަޅާ މުބާރާތުގައި ޖުމުލަ ހަތަރު ޓީމަށް ފުރުސަތު ދޭން ނިންމާފައިވާއިރު، ކޮންމެ ޓީމެއްގައި 6 މީހުންނަށް ތިބެވޭނެއެވެ. އަދި މި މުބާރާތުން އެއްވަނައަށާއި ދެވަނައަށް ދާ ޓީމަށް އިނާމު ދެވޭނެކަމަށް މުލިމަތި ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

ވާދެމުމުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކަށް ފުރުސަތުދޭން ހަމަޖެހިފައިވާއިރު، ކޮންމެ ޓީމެއްގައިވެސް ފަސް އަންހެން ބައިވެރިންނާއި ފަސް ފިރިހެން ބައިވެރިންނާއެކު ޖުމުލަ 10 ބައިވެރިން ތިބެންޖެހޭނެއެވެ. މި މުބާރާތުންވެސް ވަނަވަނައަށް ދާ ފަރާތްތަކަށް އިނާމު ދެވޭނެކަމަށް މީދޫ އެކުވެރިންގެ ޗޭނުން ވަނީ ބުނެފައެވެ.

މި މުބާރާތްތަކުގެ ތެރެއިން ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 25 ޖޫން 2022 އާ ހަމައަށް ދެމި އޮންނާނެއެވެ. އަދި ވާދެމުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 30 ޖޫން 2022 އާ ހަމައަށް އޮންނާނެއެވެ.

ވާދެމުމުގެ މުބާރާތާގުޅޭ އިތުރު މަޢުލޫމާތު 792،1755 ނަންބަރާ ގުޅުއްވުމުން ލިބިލައްވާނެއެވެ. އަދި ފައިގަތަޅާ މުބާރާތާގުޅޭ އިތުރު މަޢުލޫމާތު 974،3670 ނަންބަރާ ގުޅުއްވުމުން ލިބިލައްވާނެއެވެ.