Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ބީއެމްއެލްގެ ސްކޮލަޝިޕް ތިން ދަރިވަރަކަށް

ބީއެމްއެލް ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުން ހޮވައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ތިން ދަރިވަރުންނަކީ އަޙްމަދު ނިސާލް ޢަބްދުﷲ އާއި އާމިނަތު މައިސާ ނިޔާޒްގެ އިތުރުން އިސްމާޢިލް ޒަކްވާން ޝިހާދު ކަމަށެވެ.

މި ސްކޮލަރޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މި ސްކޮލަރޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަރޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ލީޑަރޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން މި ސްކޮލަޝިޕަށް ހޮވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްވެސްމެ." ސީއީއޯ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މި ސްކޮލަރޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި މަތީ ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ކަމަށެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރެވުނު ފަންޑެކެވެ.