Last Updated: July 6, 17:26
Wednesday, July 6, 2022
ޚަބަރު

މިއަދުގެ ހަމަނުޖެހުމަކީ ސަރުކާރުގެ ރޭވުމެއް: އިދިކޮޅު

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމަކީ ސަރުކާރުގެ ރޭވުމެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފި އެވެ.

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ދުރާލާ ރާވައިގެން ކަންކަން ކުރާ ޕާޓީއެއް ކަމަށާއި އަދި ހަރަކާތެއް ހިންގަން ރާވަނަމަ އެކަން އިއުލާންކޮށް އެކަމާ ބެހޭ މައުލޫމާތުތައް ފުލުހުންނާއި ވެސް ހިއްސާކުރާ ކަމަށެވެ. އެގޮތުން މިއަދުގެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި މިއީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އިންޓެލް ލިބި، މިކަން ނުހުއްޓުވުމުން އަޅުގަނޑުމެންނަށް ދެންނެވިދާނެ މިއީ ހަމަ ސަރުކާރުން ގަސްދުގައި ރާވައިގެން ހިންގާފައި އޮތް ކަމެކޭ، ޕީޕީއެމްގެ ބޮލުގައި އަޅުވަން. މިކަން ތަހުގީގު ކުރަން މިހާރުވެސް ލަސްވެއްޖެ. މިއީ ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމެއް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުގެ އިންޓެލް ވަރަށް ބޮޑަށް ފެއިލްވެފައިވާކަން މިއަދު ހާމަވެފައިވާ ކަމަށާއި އެހެން ނޫންނަމަ ބަޔަކަށް އެހެން ގޮސް ގަލޮޅު ދަނޑަށް ނުވަދެވޭނެ ކަމަށެވެ. އަދި މިއަދުގެ ހަމަނުޖެހުމަކީ ދެ އަތް އުރާލައިގެން ތިބެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށާއި މިކަމާ ގުޅޭ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"ޕީޕީއެމުން މިކަހަލަ ހަމަނުޖެހުމެއްގައި ބައިވެރިއެއް ނުވާނެ. ޕީޕީއެމަކީ ސުލްހަވެރި ސިޔާސީ ހަރަކާތަށް އަބަދުވެސް މަރުހަބާ ކިޔާ ބައެއް. ޕީޕީއެމުން އަބަދުވެސް އިސްކަންދޭނީ ގައުމުގެ ސުލްހަވެރިކަމާއި މަސްލަހަތަށް. ރާއްޖޭގައި ފިތުނަ ފަސާދަ އުފެދޭ އެއްވެސް ކަމެއްގައި ޕީޕީއެމުން ބައިވެރިއެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.