Last Updated: July 6, 18:23
Wednesday, July 6, 2022
ޚަބަރު

ހަމަނުޖެހުމުގައި ޕާޓީއަކުން ބައިވެރިވިނަމަ ފިޔަވަޅު އަޅާނަން

އީސީގެ ރައީސް ފުއާދު ތައުފީގު - ފޮޓޯ: ރައީސް އޮފީސް

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްނަމަ އެ ޕާޓީއަކަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަރަކާތަށް ހުރަސް އަޅައި، އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންދާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

މި މައްސަލާގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ އެ ޕާޓީއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީން ބުނެ އެވެ.

އީސީން މިހެން ބުނެފައިވާއިރު ފުލުހުން ވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށް ބުނެފަ އެވެ. ނަމަވެސް ޕީޕީއެމުން ވަނީ މިއަދުގެ ހަމަނުޖެހުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.