Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ޝަންގްރިއްލާ ރިސޯޓް ވިއްކާލަނީ

އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން ނިންމައިފި އެވެ.

ޝަންގްރިއްލާ ރިސޯޓްގެ 70 ޕަސެންޓު ހިއްސާ ކުރާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރިސޯޓް ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމަކުންނެވެ.

އެގޮތުން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ އިންވެސްޓްމެންޓް ފާމުން ވަނީ ޝަންގްރިއްލާ ރިސޯޓް ގަންނަން ބޭނުންވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވާއިރު އައްޑޫގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓު ވަނީ ބަންދުކުރުމަށް ފަހު ދާދި ފަހުން އަލުން ހުޅުވައިފަ އެވެ. މި ދެ ރިސޯޓުގައި ވެސް އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރެ އެވެ.

ޝަންގްރިއްލާގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ވެސް އޮންނައިރު ޝަންގްރިއްލާ ނުހުޅުވި ގިނަ ދުވަސްތަކެއް ވަމުންދާތީ އައްޑޫ ޒުވާނުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރުން މީގެކުރިން ވަނީ ޝަންގްރިއްލާ ރިސޯޓުން ސަރުކާރަށް އޮތް ހިއްސާ ދޫކޮށްލައި މި އަހަރު ނިމުމުގެ ކުރިން އެ ރިސޯޓް ހުޅުވަން އަމާޒު ހިފާފާފައިވާ ކަމަށް ބުނެފަ އެވެ.