Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދަކަށް ބޭނުން އެބަކުރޭ

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު – ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުން ކުށްވެރިކޮށް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލާ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށެވެ.

އެގޮތުން އިހުލާސްތެރިކަމެއް ނެތި އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަނުޖެހުން ނަގާލެވޭ މޭރުމަކުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން ހަނދުމަކޮށްދެން." އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ވަނީ މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެދިފަ އެވެ.