ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގުނީ ފުލުހުން ތައްޔާރުވެފައި ނެތުމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.
އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.
އެކަމާ ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ އެ އިވެންޓް ހިނގަމުންދިޔަ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް އަންދާޒާކުރެވޭނެފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މިއިވެންޓް ކުރިޔަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައި ނެތްކަން ފާހަގަކުރެވޭ." އެމްއެންޕީން ބުނެ އެވެ.
އެމްއެންޕީން ބުނީ މިފަދަ އިވެންޓެއް ބޭއްވުމަށް އާންމުންގެ ގިނަ ބައެއްގެ މި ކަންބޮޑުވުން އޮތްއިރު އެކަމަށް ބެލުމެއް ނެތި މި އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ މިއިވެންޓްގައި ބައިވެރިވި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތި ކަމަށެވެ. އަދި ސަރުކާރުން މިފަދަ ނިންމުންތައް ނިންމުމުގައި ވީހާވެސް ޒިންމާދާރުކަމާއެކު ކުރިޔަށް ގެންދިޔުން މުހިއްމު ކަމަށް އެމްއެންޕީން ބުނެފައިވެ އެވެ.
މީގެއިތުރުން އެމްއެންޕީން ވަނީ އެއްވެސް ފަރާތަކުން ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އަދި ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ވެސް ގޮވާލާފަ އެވެ. އަދިމިފަދަ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާތަކަށް ދުރާލާ ތައްޔާރުވެ ތިބެ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްވެސް އެމްއެންޕީން ވަނީ ގޮވާލާފަ އެވެ.