Last Updated: July 3, 22:50
Friday, July 4, 2025
ކުޅިވަރު

ލުކާކޫ އެނބުރި އިންޓަ މިލާނަށް

މިދިޔަ އަހަރު އިންޓަ މިލާނުން ޗެލްސީ އަށް ގެންދިޔަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ލޯނެއްގެ ދަށުން އަލުން އިންޓަ އަށް ފޮނުވާލަން ނިންމައިފި އެވެ.

ލުކާކޫ ،29، އިންޓަ ދޫކޮށް ޗެލްސީ އަށް މިދިޔަ އަހަރު ބަދަލުވީ 97.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. ލުކާކޫ އަކީ ޗެލްސީ އަށް އެންމެ ބޮޑު އަގެއްގައި މިހާތަނަށް ގެނައި ކުޅުންތެރިއާ ކަމަށްވާއިރު ޗެލްސީގައި މިދިޔަ ސީޒަނުގައި އޭނާ އަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

އެއް އަހަރުގެ ލޯނެއްގެ ދަށުން ލުކާކޫ އިންޓަ އަށް ފޮނުވާލުމާ ގުޅޭގޮތުން ދެ ކްލަބުގެ ދެމެދުގައި މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލޯން ފީގެ ގޮތުގައި އިންޓަ އިން ޗެލްސީ އަށް ދައްކަން ޖެހެނީ 8 މިލިއަން ޔޫރޯ އެވެ. އަދި ލޯނުގެ މުއްދަތުގައި ލުކާކޫ އަށް މުސާރަ ދޭނީ އިންޓަ އިންނެވެ.

ލުކާކޫ އާއި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއާ ދެމެދު ގުޅުން ގޯސްވެފައިވާއިރު ރިޕޯޓުތައް ބުނާގޮތުން މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް ލުކާކޫ ވަނީ އަލުން އެނބުރި އިންޓަ އަށް ދިޔުމަށް މަސައްކަތްކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ލުކާކޫ ޗެލްސީ އަށް 15 ގޯލު ކާމިޔާބުކޮށްދިންއިރު ޕްރިމިއާ ލީގުގައި އޭނާ އަށް ކާމިޔާބު ކުރެވުނީ އެންމެ 8 ގޯލެވެ. ލުކާކޫ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީއާއެކު ކްލަބް ވޯލްޑް ކަޕެއް ކާމިޔާބުކޮށްފަަ އެވެ.