Last Updated: June 30, 20:43
Tuesday, July 1, 2025
ޚަބަރު

އާންމު ރައްޔިތުންގެ ޕާޓީގެ ހުއްދަ ބާތިލުކޮށްފި

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ދިން ހުއްދަ ބާތިލްކޮށްފި އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ އައްޑޫ ހިތަދޫ ކަނަދޫގޭ އަހުމަދު ސައީދަށެވެ. އޭނާ އަށް ޕާޓީ ހަދަން އީސީން ހުއްދަ ދިނީ ފެބްރުއަރީ 5، 2020 ގަ އެވެ.

އީސީން ބުނީ ސައީދަށް ޕާޓީ ހަދަން ދިން ހުއްދަ ބާތިލުކުރީ މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި އެއްވެސް ފޯމެއް ހުށަހަށާފައި ނުވާތީ ކަމަށެވެ. ސިޔާސީ ޕާޓީއެއް ރަޖިސްްޓްރީކޮށް ދެނީ 3،000 މީހުންގެ ސޮޔާ އެކު އެވެ. އެގޮތުން ގާނޫނުގައި ވެސް ވާ ގޮތުން އެ އަދަދަށް ޕާޓީގައި މެމްބަރުން ތިބެން ޖެހޭނެ އެވެ.

އީސީގެ ދަފުތަރުގައި މިހާރު ވެސް ދަފުތަރުގައި މިހާރު ވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އަދި މީގެ ތެރެއިން ހަތަރު ޕާޓީްއެއެއްގައި ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ދިނުމަށް ފަހު، މެމްބަރުން ހަމަކުރަން މުއްދަތު އިތުރުކޮށްދީ މިހާރު ވަނީ ފޯމްތައް އީސީ އަށް ހުށަހަޅައިފަ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގިނައީ 10،000 މެމްބަރުން ވެސް ހަމަނުވާ ޕާޓީތަކެވެ. ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ ވެސް އެ އަދަދަށް މެމްބަރުން ހަމަވާ ނަމަ އެވެ.