Last Updated: July 12, 13:47
Saturday, July 12, 2025
ޚަބަރު

ރާއްޖެ އާއި ރުވާންޑާ ފަސް އެއްބަސްވުމަކަށް

ރާއްޖެ އާއި ރުވާންޑާ އިން ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ރުވާންޑާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރުވާންޑާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުންތަކުގައި ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިންސެންޓް ބިރޫޓާ އެވެ.

ދެ ގައުމުގެ މެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ ޖެނެރަލް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމަކާއި ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކާއި ވިޔަފާރިއާއި ޓޫރިޒަމް ދާއިރާގެ އެއްބަސްވުމަކާއި މެރިޓައިމް ޓްރާންސްޕޯޓާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ފިޝަރީޒް އެންޑް މެރިން ރިސޯސްއާ ގުޅޭ އެއްބަސްވުމެއްގަ އެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަ ވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އާއި ރުވާންޑާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ސެޕްޓެމްބަރު 6، 2019 ގަ އެވެ.