Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފްލޯޓިން ސިޓީ ޕްރޮޖެކްޓް ހުއްޓުވައިފި: ނަޝީދު

ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ފްލޯޓިން ސިޓީގެ މަސައްކަތް މިހާރު ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިސް މެމްބަރުންތަކެއް ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި ސަރުކާރުން މިހާރު ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމި އެ ޕްރޮޖެކްޓާ އެ މަނިކުފާނާ ވެސް ގުޅުމެއް އޮތުމުން ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތް ހުއްޓުވި އިރު، އެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓް ދެއްވި ކަމަށެވެ. އެކަމަކު މި ޕްރޮޖެކްޓަކީ އެއްވެސް ދަރަންޏެއް ނެތް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ މިކަން ހުއްޓާލި ކަމަށް ވިދާޅުވެ ނަޝީދު އެކަން ސިފަކުރެއްވީ "ބޮޑުވަރެއް" ގެ ގޮތުގަ އެވެ.

"ގަބޫލުކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓެއްކަމުން ކުރިއަށް ނުގެންދަވަނީ ކަމަށް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މިހާރު ގަސްތުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން."

ފްލޯޓިން ސިޓީއެއް ހެދުމުގެ ވާހަކަ އަކީ ނަަޝީދުގެ ވެރިކަމުގައި ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. އެކަމަކު އެކަން މޑުޖެހިފައ އޮންނަތާ އެތައް އަހަރެއް ފަހުން މި އަހަރުގެ ފެބްރުވަރީ މަހުގެ 9 ގައި ފްލޯޓިން ސިޓީ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާ ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ މަގެއް ޑަޗް ކުންފުންޏަށް ސަރުކާރުން މިހާތަނަށް ދައްކާފައި ނުވާތީ މިހާރު ގަސްދުކުރައްވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ޑަޗް ކުންފުންޏަށް ލަފާއަރުވާށެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގަން ރާވާފައިވާ މި މަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓް އަޅާ ގޮތަށް ޕްލޭންކޮށްފައިވެ އެވެ. ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައް ހަދަން ޕްލޭންކޮށްފައިވެ އެވެ. އަދި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.