Last Updated: July 3, 09:54
Thursday, July 3, 2025
މުނިފޫހިފިލުވުން

ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓެއް ދޫކޮށްލިން: އަނިލް

ހޮލީވުޑްގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް ދޫކޮށްލި ކަމަށް ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޕްރޮމޯޝަންގެ ތެރެއިން ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި 65 އަހަރުގެ އެކްޓަރު ބުނީ ހޮލީވުޑްގެ އެންމެ ބޮޑު ފްރެންޗައިޒުން ލިބުނު ފުރުސަތު ދޫކޮށްލީ އޭނަ އަށް ހުށަހެޅި ރޯލެއްގައި ކުޅެން ޖެހޭ މަންޒަރެއްގައި ވާނުވާ ނޭނގިގެން ކަމަށެވެ.

"އެ ސީން އަހަންނަށް ކިޔައިދިނީމަ އޭގެ ލޮޖިކެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނު. ފުރުސަތު ލިބުނީ ދެ ދުވަހެއްގެ ޝޫޓިންއަކަށް. އެކަމަކު ވާނުވާ ނޭނގޭ އެއްޗެއްގައި މަސައްކަތްކުރަން ބޭނުން ނުވީމަ އެ ދޫކޮށްލީ،" އޭގެ އިތުރު އެއްވެސް ތަފުސީލަކަށް ނުގޮސް އަނިލް ބުންޏެވެ. "ކޮންމެހެން އޭގަ ނަމެއް ބުނާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު އެއީ ހޮލީވުޑްގެ އެންމެ ބޮޑު ފްރެންޗައިޒް."

އަނިލްގެ މި ވާހަކަތަކާ އެކު ފޭނުން ވަނީ އެއީ "ޖޭމްސް ބޮންޑް" ގެ ފިލްމަކުން ނުވަތަ ސުޕަހީރޯ ފިލްމުތައް ގެނެސްދޭ ކުންފުނި މާވެލް ސްޓޫޑިއޯސްގެ ފިލްމެއްގެ ވާހަކަ އަށް ވުން ވަރަށް ގާތް ކަމަށް ބުނެފަ އެވެ.

އަނިލް އަކީ ކުރިން ވެސް ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި 2008 ގެ "ސްލަމްޑޯގް މިލިއަނާ" އާއި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ ސީރީޒް 2011 ގެ "ގޯސްޓް ޕްރޮޓޮކޯލް" ގެ އިތުރުން ފޮކްސްގެ ސިލްސިލާ "24" ހިމެނެ އެވެ.